Support Us

މޯލްޑިވިއަނުން ހައްޖުވެރިންގެ ތާރީހީ ފްލައިޓްތައް ފަށައިފި

މޯލްޑިވިއަނުން ހައްޖުވެރިން ގޮވައިގެން ސީދާ ސައުދީ އަރަބިއްޔާއަށް މިއަދު ހިނގައްޖެއެވެ. މިއީ ރާއްޖޭގެ ގައުމީ އެއާލައިންގެ ހަޔާތުގެ ތާރީހީ ކާމިޔާބީއެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޖުވެރިން ފުރީ މޯލްޑިވިއަންގެ މަތިންދާބޯޓުތަކުގެ ތެރޭގައި އަލަށް ހިމެނި އެއާބަސް އޭ-330 މަރުކާގެ ވައިޑް-ބޮޑީ އެއާކްރާފްޓްގައެވެ. މީގެން ދައްކުވައިދެނީ ބައިނަލްއަގުވާމީ އޮޕަރޭޝަންތަކުގައި މޯލްޑިވިއަންގެ އަދުގެ ގާބިލިއްޔަތު ފުޅާވެފައިވާ މިންވަރު ކަމަށް އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑުން މިއަދު ބުންޏެވެ.

މި އާ ފްލައިޓަކީ މޯލްޑިވިއަން އާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންއާ ދެމެދު މި އަހަރު ކުރީކޮޅު އިސްލާމީ މަރުކަޒުގައި، ގުޅިގެން މަސައްކަތް ކުރުމަށްވި ތާރީހީ އެއްބަސްވުމެއްގެ ނަތީޖާއެވެ. އެއްބަސްވުމުގެ ދަށުން މި އަހަރުގެ ހައްޖު މޫސުމުގައި މުޅިއަކު 500 ހައްޖާޖީން ސައުދީއަށް ފުރުވާނެއެވެ. މިއީ ސައުދީން ރާއްޖެއަށް ފޯރުކޮށްދީފައިވާ ހައްޖު ކޯޓާގެ ތެރެއިން 50 ޕަސެންޓެވެ.

"ފާހަގަކޮށްލެވޭ އަދަދަކަށް މި ރޫހަނީ ދަތުރުގައި ހައްޖުވެރިން ބައިވެރިވާއިރު، އެއާބަސް އޭ-330 ގައި ހައްޖުވެރިން އުފުލުމުން ހައްޖާޖީންނަށް ފެންވަރުމަތީ ފަސޭހަކަމާއި ރައްކާތެރިކަމުގެ ދަތުރެއް ކަށަވަރު ކުރެވޭނެ،" އައިލެންޑް އެވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހައްޖު ފްލައިޓްތައް ކާމިޔާބުކަމާއެކު ފެށުމަކީ މޯލްޑިވިއަންގެ ބައިނަލްއަގުވާމީ އޮޕަރޭޝަންތައް ފާހަގަކޮށްދޭ ކަމެކެވެ. މި ކަމަށް މަގުފަހިވީ ވައިޑް-ބޮޑީ މަތިންދާބޯޓު ގަތުމަށް ސަރުކާރުން ދިން ތަރުހީބުގެ ސަބަބުން ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ. މި ކަމުގެ ސަބަބުން ދުނިޔޭގެ އޮޕަރޭޝަންތަކުގައި ފުޅާ ވިއުގައެއް ތަރައްގީ ކުރުމަށް މޯލްޑިވިއަނަށް މުހިންމު ފުރުސަތެއް ފަހިވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

މި އާ ހިދުމަތުގެ ސަބަބުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީއަށް ސީދާ ދަތުރު ކުރުމަށް ދިވެހި މުޖުތަމައަށް ބޭނުންވެފައިވާ މުހިންމު ބޭނުމެއް ފުއްދައިދޭނެ ކަމަށް އައިލެންޑް އެވިއޭޝަނުން ބުންޏެވެ. އެއީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފްލައިޓްތައް ހަމަޖެއްސުމުގެ ދަތި އުނދަގޫ ގޮތަކަށް ދަތުރުތައް ހަމަޖެއްސުން ނައްތައިލައިގެން ދަތުރު ކުރުން ފަސޭހަކޮށްދީގެންނެވެ. މުޅިން ދިވެހި ފަޅުވެރިން މުއްސަނދި ހިދުމަތެއް ދޭ ދިވެހި މެހެމާންދާރީ އާއި ސަގާފަތާއި ހިތްހެޔޮކަން ދަތުރު މަތީގައި ފޯރުކޮށްދީގެންނެވެ.

"މި ފްލައިޓުން ފާހަގަ ކުރަނީ ގައުމުގެ ރައްޔިތުންގެ ދީނީ ދަތުރުތަކުގެ ބޭނުންތަކަށް މޯލްޑިވިއަނުން ދުރު ކުރިމަގަކަށް ތަރުހީބު ދޭނެކަމުގެ ފެށުމެއް،" އައިލެންޑް އެވިއޭޝަނުން ބުންޏެވެ.

ދީނީ ދަތުރުފަތުރުގެ ހިދުމަތްތަކަށް މޯލްޑިވިއަނުން ވަނުމަކީ ދުނިޔެއާ ރާއްޖެ ގުޅުވައިލުމުގެ މަސައްކަތް ފުޅާކޮށް، އެ އެއާލައިންގެ މައިގަނޑު ސުލޫކީ އަސާސްތައް ކަމަށްވާ ރައްކާތެރިކަމާއި އިތުބާރާއެކު ކަސްޓަމަރުންނަށް ފެންވަރުމަތީ ހިދުމަތެއް ދިނުން ހިފެހެއްޓުމަށް ދޭ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގައި ދެމިހުރުން ކަމަށް އައިލެންޑް އެވިއޭޝަންގެ ބަޔާން ނިންމައިލަމުން ބުންޏެވެ.