Support Us

ޓްރަމްޕުގެ ގަލްފު ދަތުރުފުޅުން އިސްލާމީ ރޫޙަށް ކުރާ އަސަރު

ގަލުފަށް ކުރެއްވި ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ ހަފުތާގައި ވަނީ އިސްލާމީ ބައެއް ޤައުމުތަކަށް ވަޑައިގެންފައެވެ. އެ ޤައުމުތަކުން ރައީސް ޓްރަމްޕަށް ކީ ހޫނު މަރުޙަބާއާއި އެރުވި ޚާއްޞަ މެހުމާންދާރީގެ "ކުޅިވަރުތައް" ފެނިފައި އެންމެ ބޮޑަށް އަސަރުކުރާނީ އިސްލާމީ ރޫޙަށެވެ. އިސްލާމީ ވިންދަށެވެ. މާޔޫސްވާނީ އިސްލާމީ ހިތްތަކެވެ. ދެރަވެ އިސްޖަހާނީ އިސްލާމީ ޝަޚުޞިއްޔަތެވެ.

ޣައްޒާގައި ކުރިއަށްދާ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާގައި އެތައް ހާސް ބައެއްގެ ފުރާނަ ދުއްވާލައި ކުޑަކުދިންނާއި އަންހެނުންނާ ޝަހީދުކުރަމުން ގެންދަނީ ދުނިޔޭގެ ލޯމަތީގައެވެ. މި ބޮޑު ޖަރީމާ ހުއްޓުވުމުގައި މުޅި ދުނިޔޭގެ ހުރިހާ ނިޒާމެއް ވަނީ ފޭލިވެފައެވެ. ވަރުގަދަ ހަތިޔާރުތަކުން ސީދާ ހަމަލާދީ މަރަމުންދާ މީހުންގެ އިތުރުން، ކާބޯތަކެއްޗާއި ބޯފެނަށް ޖައްސައިގެން ގިނަ ބަޔަކު ބަނޑަށް އެތިބަ މަރަނީއެވެ. މިއީ ސިއްރުން ކުރާ ކަމެއް ނޫނެވެ. ބުނެފައި ފާޅުގައި ހިންގާ ލާއިންސާނީ ޖަރީމާތަކެވެ.

ޣައްޒާގެ މުސްލިމުންގެ ގޯތިގެދޮރު ބިމާ ހަމަކޮށް މިހާރު ހަމަލާ ދެނީ އެ ފަކީރުން ދިރިއުޅޭ ވަގުތީ ފޭލިގެތަކަށެވެ. ޞިއްޙީ ނިޒާމު ފުނޑާލައި ބޭސްފަރުވާ ކުރެވޭނެ ފަދައެއްނެތި ކޮންމެ ދުވަހަކު އެތައް ބަޔަކު އެބަ މަރުވެއެވެ. ނުރައްކާތެރި ބަލިތައް ފެތުރި އާންމުވުމުގެ ބިރު އިންތިހާއެވެ. މި ހާލަތުގައި އޮތް ޣައްޒާ ރޮއިރޮއި ގިސްލާ އަޑު އިވޭ ހިސާބުގައި ތިބި ޢަރަބި އިސްލާމީ ޤައުމުތަކަކީ އެ ތުއްތުތުއްތު ކުދީންނާ ދީނީގޮތުންނާއި ނަސްލީ ގޮތުން ވެސް ލޭގެ ގުޅުންތައް އޮތް މީހުންނެވެ. އެކަމަކު މި އެންމެންނާ ދުނިޔޭގެ ކުރިމަތީގައި ޣައްޒާގެ މުސްލިމު ރައްޔިތުން އިހާނެތި އަދި އަނިޔާވެރި ގޮތަކަށް މަރައި އެތިބަ ނިންމަނީއެވެ. ލޯހުއްޓަސް ލޮލަކަށް ނުފެނެވެ. ކަންފަތް ހުއްޓަސް އަޑެއް ނީވެއެވެ. ހީވަނީ އިސްލާމުންގެ އިހުސާސް ކެނޑިފައިވާ ހެންނެވެ. ދޫބަންދުވެފައިވާ ހެންނެވެ.

މި ބޮޑު ޖަރީމާ އެ ހިންގަނީ ޒަޔަނިސްޓް ހަރުކަށި ހައްދު ފަހަނައަޅާފައިވާ އިޒުރޭލުން އެކަނި ނޫންކަން އެންމެ ތުއްތު ކުއްޖާ ވެސް ދަނެއެވެ. މި ހާލަތުގައި، އާދެ! މި ދަނޑިވަޅުގައި، މި އިސްލާމީ ޤައުމުތަކުން ޒަމާނުންސުރެ ހިފަހައްޓަމުން އައި އިސްލާމީ، ޢަރަބި އަދި އެވެރިންގެ ރިވެތި އާދަކާދަ ދޫކޮށް އެމެރިކާގެ ރައީސްގެ ހިތްޕުޅު ހަމަޖެހޭފަދަ ކުޅިވަރުތައް ކުޅެ އުފާފާޅުކޮށްހަދައި، ހަތިޔާރު ވިޔަފާރީގެ ދުނިޔޭގެ ރެކޯޑު އެއްބަސްވުންތަކުގައި ސޮއިއެޅުމަކީ ކޮންފަދަ ކަމެއްތޯއެވެ؟

މިއަދު މި އިހުސާސްކުރެވެނީ އެއް އުންމަތެއްގެ ގޮތުގައި އިސްލާމީ އުންމަތް ނެތްކަމުގެ ފަޅުކަމެވެ. މިއަދުގެ މުސްލިމުންނަކީ އެއް ހަށިގަނޑެއް ނޫންކަމުގެ އިހުސާސެވެ. މުސްލިމުންގެ ފުރާނައާއި ލެއަކީ މުސްލިމުންގެ ކުރިމަތީގައި ވެސް އަގެއްނެތް ދެއްޔެއްކަމެވެ. އެ ދެލިން ލިޔެވޭނީ އަދުގެ ހާލަތެވެ. މުސްތަގުބަލުގެ ދަރީން އަޅުގަނޑުމެން މި ޖީލުގެ މުސްލިމުންނަށް މިކަމުގައި މަޢާފުކުރާނެހެން ހިއެއް ނުވެއެވެ. މި ޞަފުޙާތައް ވާނީ އިސްލާމީ ތާރީޚު ދުއް އެންމެ "ފިޑި" އަދި އެންމެ "ރަނޑު" ޞަފުޙާއަށެވެ.

މާތްވެގެންވާ ޙަރަމުގެ ޚާދިމުންނަކީ އެމެރިކާއާއި އިޒުރޭލުގެ ޚާދިމުންކަން ގަބޫލުކުރަން ބޭނުން ނުވާ ލޯތައް ވެސް އަޅަން އޮތީ ވޭނީ ކަރުނައެވެ. ޚާދިމުއްލް ޙަރަމައިން ވައްޝަރީފައިން އެއީ މުސްލިމުންގެ ގާތިލުންނާއި އިސްލާމީ އުންމަތުގެ ލޭ އޮހޮރާ ޖައްލާދުންގެ ވެސް ޚާދިމުންކަން އެނގިހާމަވުމުން ހިލޭ ލޭކަރުނައެވެ.

މުސްލިމުން މި ތިބީ ކީއްވެފައި ބާވައެވެ. އިސްލާމީ ގިނަ ޤައުމުތަކުން އީރާނާ ގުޅުން ނުބާއްވައި އެކަހެރި ކޮށްފައި ބާއްވަނީ އެ މީހުންގެ "އަޤީދާ" ރަނގަޅު ނޫންކަމަށް ބުނެއެވެ. އެކަމަކު ގުޅުން ބާއްވައި އެ ގުޅުން ސިއްރާއި ފާޅުގައި ބަދަހިކޮށް ވަރުގަދަ ކުރަމުން މިދަނީ ކޮން ކަހަލަ އަޤީދާ އެއްގެ ބަޔަކާތޯއެވެ؟ އިންސާނިއްޔަތުކަމާއި އަނިޔާވެރިކަމުގެ ހައްދެއް އޮތް ބަޔަކާތޯއެވެ؟ މިއަދު އިސްމީ އުންމަތް ތަމުސީލުކުރަނީ އީރާނާއި އީރާނުން ވާގިވެރިވާ ކަމަށްބުނާ ދެތިން ޖަމާއަތުން ބާވައެވެ؟

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *