Support Us

އިނގިރޭސި ވިލާތުގެ އުމުރުން 200 އަހަރުވެފައިވާ މަގުބޫލު "ސިކަމޯ ގެޕް ޓްރީ" ކަނޑައިލުމުގެ ކުރިން

200 އަހަރުގެ ގަހެއް ކަނޑައިލުމުން 8 ލައްކަ ޑޮލަރު ދައްކަންޖެހިއްޖެ

އިނގިރޭސި ވިލާތުގެ އުމުރުން 200 އަހަރުވެފައިވާ މަގުބޫލު ގަހެއް ކަނޑައިލުމުގެ ޖިނާއީ ކުށް ދެ މީހެއްގެ މައްޗަށް ސާބިތުވެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި 827،508 ޑޮލަރު (12 މިލިއަން ރުފިޔާ)ގެ ދައްކަން ހުކުމްކޮށްފިއެވެ.

"ސިކަމޯ ގެޕް ޓްރީ"ގެ ނަން ދީފައިވާ، އިރުއުތުރު އިންގްލެންޑްގައި ހުރި މަޝްހޫރު ގަސް ކަނޑައިލުމުން، އުމުރުން 39 އަހަރުގެ ޑޭނިއެލް ގްރެހެމް އާއި އުމުރުން 32 ގެ އެޑަމް ކެރަތާސްގެ މައްޗަށް ސާބިތުވީ "ގަސްދުގައި އަދި ވަކި ސަބަބެއް ނެތި" ގަސް ކަނޑައިލުމުގެ ކުށެވެ. މި ޝަރީއަތް ފަސް ގަޑިއިރަށް ދެމިގެންދިޔައެވެ.

މަޝްހޫރު ފިލްމް "ރޮބިން ހުޑް: ޕްރިންސް އޮފް ތީވްސް"ގައި ވެސް ދައްކާ މި ގަސް ހުންނަނީ ޔުނެސްކޯއިން ތަރިކަ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައެވެ. އެއީ ހިމާޔަތްކޮށްފައިވާ ހޭޑްރިއަން ނަމަކަށް ކިޔާ ކުރީ ޒަމާނުގެ ފާރަކާ އިންވެގެންނެވެ. މި ފާރަކީ އިންގްލެންޑްގެ އިތުރުއުތުރުން ހުޅަނގުއުތުރާ ހިސާބަށް ފޯރާ ފާރެކެވެ. ކަރަންޓު ކީހަކުން ކުޑަ މިނެޓްކޮޅެއްގެ ތެރޭގައި ގަސް ކަނޑައިލުމުން އެ ވެއްޓި މި ފާރަށް ގެއްލުން ލިބުނެވެ. ފާރަށް ލިބުނު ގެއްލުމަށް 1،521 ޑޮލަރު (23،423ރ.)ގެ ގެއްލުންވިކަމުގެ ޖިނާއީ ކުށް ވެސް ދެ މީހުންނަށް އެކުގައިވާ ގޮތަށް ސާބިތުވިއެވެ.

ސިކަމޯ ގެޕް ޓްރީ ކަނޑައިލައިފައިވާ ސަރަހައްދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި

ކުރިން ރަހްމަތްތެރިކަމެއް އޮތް ދެ މީހުން ގަސް ކަނޑައިލީ 2023 ގައެވެ. އަދި އެ މަންޒަރު ވީޑިއޯކޮށްފައި ސޯޝަލް މީޑިއަށް ލިއެވެ. މި ވީޑިއޯ ފެނިފައި އިނގިރޭސި ވިލާތުގައި ގައުމީ ފެންވަރުގައި މީހުން ނުރުހުން ފާޅުކުރިއެވެ.

"ގަސް ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މި ކަމުން ފުން ހިތާމައެއް ލިބުނު،" އިނގިރޭސި ވިލާތުގެ ތަރިކައިގެ ގޮތުގައި ބެލެވޭ ބިނާތަކާއި ތިމާވެށި ހިމާޔަތްކުރާ ނެޝަނަލް ޓްރަސްޓުން ބުންޏެވެ.

ޑޭނިއެލް ގްރެހެމް (ވ) އަދި އެޑަމް ކެރަތާސްއަށް ހުކުމް އިއްވަންދެން ހައްޔަރުގައި ބައިތިއްބުމަށްވަނީ ނިންމައިފައި

ހައްޔަރުގައި ބައިތިއްބަން ނިންމައިފައިވާ ދެ މީހުންގެ މައްޗަށް ހުކުމް އިއްވަން ހަމަޖައްސައިފައިވަނީ އަންނަ ޖުލައި މަހުގެ 15 ގައެވެ.

ގަހުގެ އޮފިތަކުން މިހާރު 49 އާ ގަސް ހެއްދިފައިވާކަމަށް ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *