Support Us

ދަނގެތީ އައު އިންޖީނުގެ އިމާރާތްކުރަން 14.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި

އދ. ދަނގެތީގައި އައު އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ މަސައްކަތް 14.8 މިލިއަން ރުފިޔާއަށް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯ ހެޑް އޮފީހުގައި މި ކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ގިނަވެގެން 330 ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާގޮތަށް މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަލްޓެކްގެ ފަރާތުން، ޖެނެރަލް މެނޭޖަރ ހުސައިން ތަސްމީނެވެ.

މި  ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށަކަށް ވުމުންނާއި، ގެސްޓް ހައުސްތައް އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށްވުމުން، އައު އިންޖީނުގެއެއް ބޭނުންވެފައިވާ ރަށެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމައި، ބޭނުންކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ހިދުމަތެއް ދެވި، އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށެވެ. ދަނގެއްޗަކީ ޓޫރިޒަމަށް ފައްކާވަމުން އަންނަ ރަށަކަށްވުމުން، މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން، ކައިރީގައި ހުރި ގެތަކަށާއި، ގެސްޓް ހައުސްތަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދުގެ މި އެއްބަސްވުމާ އެއްކޮށް، އެމީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށާއި ދަނގެތީ ރައްޔިތުންނަށް މި ކަންކަން އަވަސްކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވައިފައިވާ މަސައްކަތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރަށުގައި ބިމުގެ ދަތިކަން އޮތް އިރުވެސް އައު އިންޖީނުގެ އެޅުމަށްޓަކައި ބިން ހަމަޖެއްސި ކަމަށްޓަކައި ދަނގެތި ކައުންސިލަށާއި ކައުންސިލްގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވެސް ވިދާޅުވީ، މިއަދަކީ ރަށުގެ ރައްޔިތުންނަށް ވަރަށްވެސް އުފާވެރި ދުވަހެއް ކަމަށާއި، މިކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *