Support Us

ވަޢުދުތައް ފުއްދުމަށް 2130 މަޝްރޫޢެއް ކުރިއަށް އެބަދޭ: ރައީސުލްޖުމްހޫރިއްޔާ 

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދުމަށްޓަކައި ޖުމުލަ 2,130 މަޝްރޫޢެއް ރޭވިގެން އެ މަޝްރޫޢުތަކުގެ މަސައްކަތް އެކިއެކި މަރުޙަލާގައި ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. އެ މަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކާއި ވެރިކަމަށް ވަޑައިގަތުމަށްފަހުވެސް ރައްޔިތުންނާއި އެކިއެކި މުނާސަބަތުތަކުގައި ބައްދަލުވެ ރައްޔިތުންގެ ޙާލު ބައްލަވައި، އެކި ކަންކަމުގައި އެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ އެކިއެކި ވަޢުދުފުޅުތަކުގެ ތަފުސީލުތައް ހިއްސާކުރައްވާފައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ މެނިފެސްޓޯއާ ގުޅިގެން 289 ވަޢުދުފުޅު، ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންފައިވާ 1051 ވަޢުދުފުޅު، ދަތުރުފުޅުތަކުގައި ވަޢުދުވެވަޑައިގަތް 484 ކަމަކާއިއެކު އެކި އިވެންޓުތަކުގައި ކޮށްދެއްވާނެކަމުގައި ވިދާޅުވި 305 ކަމެއްގެ ތަފުސީލް ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި އެކި ދާއިރާތަކުން ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި އެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކަށް އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވުމަށް، ވަޢުދުފުޅުތަކުގެ އިތުރުންވެސް ގިނަގުނަ މަސައްކަތްތަކެއް ހިނގަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިނަމާލެ މާލެހިޔާ ސަރަހައްދުގައި ފްލެޓު އެޅުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވަޢުދެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ މަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މި މަޝްރޫޢުގައި ސޮއިކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި މަޝްރޫޢު ކުރިއަށްގެންދަވާނީ ސިޓީ ކައުންސިލްގެ ތެރެއިން ކަމަށާއި މި މަޝްރޫޢުގެ ތެރެއިން މިހާރު ހުރި ސިނަމާލެ އަދި މާލޭހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަމިއްލަކޮށްފައިހުރި ތަންތަން އަލަށް އަޅާ އިމާރާތްތަކަށް ބަދަލުކުރެވި، ބައު އިމާރާތް ތަޅާލުމަށް ފުރުސަތު ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ތެރެއިން މި މަހުގެ ނުވަ ވަނަ ދުވަހު މުޅި ދަޢުލަތް ހިމެނޭގޮތަށް ޑިޖިޓަލައިޒޭޝަން ބޮޑު ކޮންފަރަންސަކަށް އެންމެން އެއްތާކަށް ގެންނަވައި، އެންމެން އެކަމުގައި ބައިއަތު ހިއްޕަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މުޅި ދަޢުލަތުގެ ނިޒާމު ހިންގުމުގައި ކުރިއަށްއޮތް ތިން އަހަރު ދުވަހަށް މޯލްޑިވްސް 2.0ގެ ނަމުގައި ފައްޓަވާ މި މަޝްރޫޢުގެ ތެރެއިން މުޅި ސަރުކާރު ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ވަރަށް ތަފްސީލާއެކު ޖަވާބުދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *