ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ކަން ކުރަން ހަމަޖައްސައިފައިވަނީ ބޭންކްގެ ގްލޯބަލް ޕާޓްނާ ނެޓްވޯކްތައް މެދުވެރިކޮށެވެ.
ބީއެމްއެލް އާއި އެމްއެމްޕީއާރްސީން މި އެއްބަސްވުމުގައި ސޮއިކުރީ ދުބާއީގައި އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް)ގައެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ އެމްއެމްޕީއާރްސީއާއެކު މި ފަދަ މުހިންމު މަސައްކަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އުފާކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އެކްސްކްލޫސިވް އިންޓަނޭޝަނަލް ކާޑު ޕާޓްނާޝިޕްތަކާއެކު މި އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެ. ކައިރި މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ހިންގާ މި ޑެސްޓިނޭޝަން ކެމްޕޭން ފަރުމާކޮށްފައިވަނީ ޕްރީމިއަމް ޓޫރިސްޓުންނަށް ހާއްސަ އޮފާތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
"މި ސްޓްރެޓެޖިކް ކެމްޕޭންގެ ސަބަބުން ފަތުރުވެރިން ރާއްޖޭގައި ކުރާ ތަޖުރިބާ އިތުރަށް ފުރިހަމަވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހި ރާއްޖެ ދެމިއޮތުމަށް އިތުރު ބާރަކަށް ވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.



advertisment

