Support Us

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފި

މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމާ ދެމެދު މަތީ ފަންތީގެ މަޝްވަރާތައް މިއަދު ކުރިއަށް ގެންދަވައިފިއެވެ.

ދެ ޤައުމުގެ އެންމެ އިސް ލީޑަރުން އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި މި މަޝްވަރާތައް ބާއްވަވާފައި ވަނީ، ޕޫތުރާ ޕަރްދާނާ، ޕޫތުރާޖަޔާގައެވެ. މި ރަސްމީ މަޝްވަރާތަކުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެލޭޝިއާއިން އެމަނިކުފާނަށް ދެއްވި ދަޢުވަތާއި އެ ޤައުމަށް ވަޑައިގެންނެވުމުން އެ މަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ދެޤައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތައް ހޯދަމުންދާ މި ދަނޑިވަޅުގައި، ދިގު މުއްދަތަކަށް މި ގުޅުން ބަދަހިކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި ދެ ޤައުމުގެ މެދުގައި ހަރުދަނާ ގުޅުންތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި މަޝްވަރާތަކުގައި މެލޭޝިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުން އެއްބާރުލުން ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި މައިގަނޑު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި، އެ ދާއިރާތަކުން ވިސްނުންފުޅު ގެންގުޅުއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެވިގެންދާއިރު، މި ފަހުމުނާމާތަކަކީ ދެޤައުމުގެ ދޭދޭ ގުޅުމަށް ފައިދާކުރަނިވި ފަހުމުނާމާތަކަކަށް ވާނެ ކަމަށާއި، އަދިވެސް އިތުރު ދާއިރާތަކުން އެއްބާރުލުންދީ، ގުޅުން ބަދަހިކުރެވިގެންދާނެ ކަމުގެ އުންމީދު އެބައޮތްކަން، މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިންގެ ވިސާއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިއުމުގައި މެލޭޝިއާއިން ހަމަޖައްސަވައިދެއްވާފައިވާ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމަށްޓަކައި މެލޭޝިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޑިޖިޓަލް ދާއިރާގެ ރޮނގުން ކުރިއަރާ ދިއުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މެލޭޝިއާގެ އީޖާދީ އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ގެނައުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އިންފޮރމޭޝަން ޓެކްނޮލޮޖީއާއި، އަރޓިފިޝަލް އިންޓެލިޖަންސް އަދި ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަހި ކުރުމުގެ ފައިދާ، ދެ ޤައުމަށްވެސް ކުރާނެކަން ފާހަގަކުރައްވައި، މި ރޮނގުން އިތުރު ގުޅުންތައް ހަރުދަނާ ކުރެވިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުމަކީ، ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ހަރުދަނާވެ، ބަދަހިވެގެންދާނެ ގުޅުމެއް ކަމުގެ އުންމީދު އެބައޮތްކަން ދެ ޤައުމުގެ ލީޑަރުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާ އާ ދެމެދު ކުރިއަށް ގެންދެވި މަތީ ފަންތީގެ މަޝްވަރާތަކަށްފަހު، ފަހުމްނާމާތަކާއި އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވުންވެސް އޮތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *