މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ގަރލްގައިޑް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާޢީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއް ކަމަށާއި، ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއް ކަމަށެވެ.
އަދި މި ހަރަކާތަކީ ކޮންމެ މުޖުތަމަޢަކަށްވެސް ބޭނުންތެރި މުހިންމު ހަރަކާތެއް ކަމުގައި ފާހަގަކުރައްވައި ގަރލްގައިޑް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ގަރލްގައިޑް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫން ކަމަށާއި، ގަރލްގައިޑް ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ގަރލްގައިޑް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭ ކަމަށާއި، ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިޙްސާސްކޮށްދޭ ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މެޑަމް ސާޖިދާ ވަނީ ޤައުމު ބިނާކުރުމުގައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ޙަޤީޤީ ދައުރާ ނުލައި މުޖުތަމަޢެއް އިޞްލާޙުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން،" އެކަމަނާ ވިދާޅުވިއެވެ.
މި ޖަލްސާގައި އެކަމަނާ ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދިވެހި އަންހެނުން ޤައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ ޢިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެއިތުރުންވެސް، އިސްނަގައިގެން ހަރަކާތްތެރިވެ އިސްރޯލެއް ދިވެހި މުޖުތަމަޢުގައި ދިވެހި އަންހެނުން އަދާކުރުން މުހިންމުކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މެޑަމް ސާޖިދާ ވަނީ ގަރލްގައިޑްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ ގަރލްގައިޑް އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ހަވާލުކޮށްދެއްވާފައެވެ. މީގެއިތުރުން މެޑަމް ސާޖިދާ ވަނީ، ޗީފް ކޮމިޝަނަރ އާއި ޑެޕިއުޓީ ޗީފް ކޮމިޝަނަރ، ޗީފް ކޮމިޝަނަރ އަދި ޑެޕިއުޓީ ޗީފް ކޮމިޝަނަރކަމުގެ ޓަރމް ނިންމެވުމާ ގުޅިގެން ދެއްވާ ސެޓްފިކެޓް، ބެޖް އަދި ސްކާފް ހަވާލުކޮށްދެއްވާފައެވެ. އަދި، އަލަށް ޗީފް ކޮމިޝަނަރގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޢާއިޝަތު ނަޝީދާއަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.



advertisment