އެމް.ޑަބްލިއު.އެސް.ސީ އެޕުން ރޯދަ މަހު ފެން ބިލް ދައްކައިގެން ޢުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފިއެވެ.
އެމް.ޑަބްލިއު.އެސް.ސީ އަށް 30 އަހަރު ފުރޭ އަހަރު ފާހަގަކުރުމާއެކު ރަމަޟާން މަހާ ގުޅުވައިގެން "އެކުވެރި ރޯދަ 30: ޢުމްރާ 3 ދަތުރު"ގެ ނަމުގައި، އެމް.ޑަބްލިއު.އެސް.ސީ އެޕުން ބިލް ދެއްކި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ޢުމްރާ ދަތުރު ލިބޭ ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން ހޮވިފައިވަނީ:-
1. ޝަމްރޫޒް އިބްރާހީމް (ދަފްތަރު ނަންބަރ: ދރ 1672)
2. މުޙައްމަދު ސަރާޙް (އުދަރެސް، ތ. ތިމަރަފުށި)
3. ޢަލީ ނާޡިމް (ގ. ރަންދެލިގެ) އެވެ.
އެމް.ޑަބްލިއު.އެސް.ސީން ބުނީ މި ތިން ނަސީބުވެރިންނަށް ޢުމްރާ ދަތުރު ހަމަޖައްސައިދޭނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ކަމަށެވެ.
ނަސީބުވެރިންނަށް ޢުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިއަދު އޮތް ރަސްމީޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން ޝަމްހޫޒާ އަޙްމަދާއި ބޯޑްގެ ބައެއް މެމްބަރުންނެވެ. މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދާއި ސީނިއަރ މެނޭޖުމަންޓް ޓީމް އަދި މުވައްޒަފުން ބައިވެރިވެއެވެ.
"ރަމަޟާންމަހާ ގުޅުވައިގެން އެމް.ޑަބްލިއު.އެސް.ސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާ އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމް.ޑަބްލިއު.އެސް.ސީގެ އެޕް އަށް އަހުލުވެރިކުރުމުގެ ގޮތުން 1 މާރިޗު 2025 އިން ފެށިގެން 31 މާރިޗު 2025ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މިޕްރޮމޯޝަންގައި މި ކުންފުނީގެ ގިނަ އަދަދެއްގެ ޑޮމެސްޓިކް ކަސްޓަމަރުން ބައިވެރިވެ، ރަނގަޅު ތަރުހީބެއް ވަނީ ލިބިފައެވެ. އުމްރާ ދަތުރު ލިބުނު ފަރާތްތަކުން އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެއެވެ. ނަމަވެސް، ޢުމްރާ ދަތުރު ފައިސާއަށް ބަދަލުނުކުރެވޭނެއެވެ." އެމް.ޑަބްލިއު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ.
"މި ފުރުޞަތުގައި "އެކުވެރި ރޯދަ 30: ޢުމްރާ 3 ދަތުރު"ގެ ނަމުގައި ކުރިޔަށް ގެންދެވުނު ޚާއްސަ ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވުނު ތިން ފަރާތަށް އެކަން ފާހަގަކޮށް، މި ކުންފުނީގެ ބޯޑް މެންބަރުންނާއި މެނޭޖުމަންޓްއާއި އަދި މުވައްޒަފުންގެ ނަމުގައި އުފަލާއެކު މަރުޙަބާ ދަންނަވަމެވެ."



advertisment

