Support Us

ލިވަޕޫލާއެކު ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތް ފެށުމުގައި ރަސްމީޔާތަށް ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް

އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް (އެލް.އެފް.ސީ) އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) / ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ލިވަޕޫލް ސިޓީއަށް މިރޭ ފުރާވަޑައިގެންފިއެވެ.

ލިވަޕޫލް އެފްސީގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖައްސައި އެމް.އެމް.ޕީ.އާރު.ސީ/ ވިޒިޓް މޯލްޑިވްސް އިން އެކަން ހާމަ ކުރެއްވީ، މިދިޔަ މާރިޗު މަހުގެ 13 ވަނަ ދުވަހު އެވެ. މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ވާސިލުވާ މިންވަރު އިތުރުކޮށް، ރާއްޖެއަށް ޒިޔާރަތްކުރުމަށް އިތުރު ފަތުރުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ތިން އަހަރާ ހަމަސްދުވަހަށް ކުރިއަށް ގެންދަވާ، ބައިނަލްއަޤުވާމީ ކެމްޕޭނެއްގެ ފެށުމެވެ.

މި މަސައްކަތް އިތުރަށް ހަރުދަނާ ކުރެއްވުމަށް، އެލް.އެފް.ސީ ޕާޓްނަރޝިޕްގެ ދަށުން، ވިޒިޓް މޯލްޑިވްސް އިން ވަނީ، މާރިޗު 27 ވަނަ ދުވަހު، އިނގިރޭސިވިލާތުގައި އައުޓްޑޯ ކެމްޕެއިނެއް ފައްޓައިފައިބެއެވެ. ތިން މަސް ދުވަހުގެ މުއްދަތަށް މި ހަރަކާތް ކުރިއަށްދާއިރު، އިނގިރޭސިވިލާތުގެ މުހިންމު ތަންތަނުގައި ހައި އިމްޕެކްޓް އައުޓްޑޯ އަދި ޑިޖިޓަލް އިޝްތިހާރުތައް ބޭނުންކުރެވޭނެއެވެ. މި ކެމްޕެއިނަށް ޚާއްޞަކޮށް ބްރޭންޑްކުރެވިފައިވާ 100 އަށް ވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކާއި، ލަންޑަން އަންޑަގްރައުންޑާއި ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖްތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަމާޒަކީ ރާއްޖޭގައިވެސް ހައި ޕާފޯމަންސް ޓްރެއިނިން، ނުވަތަ މަތީ ފަންތީގެ ތަމުރީނުތައް ހިންގޭނެ މަގު ތަނަވަސްކޮށްދެއްވުމެވެ. މީގެ އިތުރުން ލީޑްސް ޔުނިވާސިޓީ އާއި ލީޑްސް ޓައުން ހޯލަށް ޒިޔާރަތްކުރައްވައި، ލީޑްސް ސިޓީގެ ކައުންސިލަރާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން، ރެޑް ވޭއާއި އެލް.އެފް.ސީ އެކަޑަމީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާނެއެވެ. އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި ރާއްޖެއާއި ލިވަޕޫލް އެފްސީއާ ދެމެދު އޮތް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރުމަށް، ޖޮއިންޓް މާކެޓިންގ އިނީޝިއޭޓިވްސް، ނުވަތަ ދެފާރާތް ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމުގެ ހަރަކާތްތައް ހިންގެވުމާ ގުޅޭ ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢުއާއި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝިއުރީގެ އިތުރުން ސަރުކާރުގެ ކަމާބެހޭ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޭޕްރިލް ފަހެއް ވާ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *