އެއަރ މޯލްޑިވްސްގެ ދުވަސްވަރު ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގައި ފުރަތަމަ ބޭނުންކުރި ޑޯނިއާ ދެ މަތިންދާ ބޯޓު ކުޑަގިރި ފަޅުތެރެއަށް ފައްތައި "ކުޑަގިރި ދޫނިއާ ރެކް" މިއަދު ހުޅުވައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެމް.އެމް.ޕީ.އާރް.ސީ އާއި އެޗްޑީސީގެ އިތުރުން އެމްޓީސީސީ ގުޅިގެން ހުޅުވި ޑައިވް ސައިޓަށް ޑޯނިއާ 228 މަރުކާގެ ދެ އެއަރ ކްރާފްޓް ފެއްތީ ބޮޑު ބާޖެއްގައި ގެންގޮސް، ކެރޭނު ޖަހައިގެންނެވެ.

އެޗްޑީސީން ބުނީ އެ ސައިޓަށް "ކުޑަގިރި ދޫނިއާ ރެކް" މި ނަން ދީފައިވަނީ ތާރީޚީ ގޮތުން ރާއްޖެއަށް ޚާއްސަ ދެ އުޅަނދެއް ފައްތައިގެން ތަރައްޤީކޮށްފައިވާ ސައިޓަކަށްވުމާއެކު، އެ ދެ އެއަރކްރާފްޓަކީ ރާއްޖޭގެ އެވިއޭޝަން ސިނާޢަތުގެ ފެށުންކަމުގައި ވާތީ އުދުހުން ދޭހަކޮށްދިނުމަށްޓަކައި ދޫންޏަށް ނިސްބަތްކޮށްފައި ކަމަށެވެ.
މިސައިޓު ހުޅުވުމަށް ކުރިއަށްދިޔަ އިވެންޓުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ބައިވެރިވެވަޑައިގެންނެވިއެވެ.



advertisment

