ކުރިއަށް އޮތް ރޯދަ މަހު މެދުނުކެނޑި މުދާ ބޭލުމާއި ކްލިއަރ ކުރުމަށް އެމްޕީއެލް އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް، އިލްޔާސް މުހައްމަދު ވިދާޅުވީ ރޯދަ މަހު ފުލް އޮޕަރޭޝަންގައި މަސައްކަތް ކުރުމަށް އެމްޕީއެލްގެ މުޅި ޓީމް އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެކަމަށް އިތުރު މުވައްޒަފުން ވެސް ނަގައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ ރޯދަމަހު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ، ޕެރިޝަބަލް ސާމާނު ނުވަތަ ތަރުކާރީ އާއި މޭވާ ވީހާ ވެސް ފަސޭހައިން ކްލިއާ ކުރެވޭނެ ގޮތަކަށް ރާވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުކުރު ދުވަސް ފިޔަވައި ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް މުދާ އުފުލުގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.
އެމްޕީއެލް ބަނދަރުގެ ޖާގައިގެ ދަތިކަމާ ހެދި، މުދާ އުފުލުމުގައި ވަރަށް ބޮޑު ދަތިތަކެއް ވަނީ ކުރިމަތިވެފައި ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަދި ހުސްކޮށްފައި ބަނދަރުގައި ބަހައްޓާ ކޮންޓެއިނަރުތައް ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިލަފުށީ ކޮންޓެއިނަރު ޓާމިނަލް ހަދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
"މިދިޔަ އަހަރު ފެށުނު އިރު މި ސަރަހައްދުގައި 3،000 ކޮންޓެއިނާ ބެހެއްޓުނު. މިހާރު 5،100 ކޮންޓެއިނަރުވަރު ބެހެއްޓޭ. އަޅުގަނޑުމެން އޭރު ކުރަމުން އައީ ޖާގަ އިތުރު ކުރުމުގެ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ ޖާގަ އިތުރު ކުރި ނަމަވެސް އަދިވެސް ރާއްޖެއަށް މުދާ އެތެރެ ކުރާ އަދަދަށް ބަލާއިރު އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ކުރިން ޖެނެރަލް ކާގޯ ބޭލެނީ އެއްފަހަރާ ދެ ބޯޓު ގާތްކޮށްގެން ކަމަށް ވިޔަސް، މިހާރު އެއްފަހަރާ ތިން ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރެއެވެ. އެކަން ކުރުމަށް އިތުރު 19 މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



advertisment

