ރަމަޟާން މަހަށް ގޭބީސީތަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް މާލެ ސަރަހައްދަށް ބެހުމުގައި ސްޓެލްކޯގެ މުވައްޒަފުން މިއަދު ބައިވެރިވެއްޖެއެވެ.
ސްޓެލްކޯގެ އެމް.ޑީ ހުސެއިން ފަހުމީ އެކްސްގައި ވިދާޅުވީ ގައުމީ މިފަދަ ކަންކަމުގައި "މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން" ކަމަށެވެ.
"މަސްދަޅުކޭސް ބެހުމަށް ސަރުކާރުން މިހާރު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމްކުރެވި ރޭވިފައިވާ ރޭވުންތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންވެސް މިވަނީ މި މަސައްކަތުގައި ސަރުކާރުގެ ޓީމުތަކާއި ގުޅިގެން ބައިވެރިވެފައި. އަޅުގަނޑުމެންގެ މުވައްޒަފުން މިހާރު ތިބީ ޕޮލްކޯ ޓަވަރ (ސީބްލޮކް)ގައި ސްޓޭޝަންވެ ރައްޔިތުންގެ ހިދުމަތުގައި. މިފަދަ ކަންކަމުގައި މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވިއެވެ.
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށުމުން ގިނަ ބަޔަކު ދިގު ކިއުގައި ތޮއްޖެހި، ވަގުތުތައް ހޭދަކުރަން ޖެހި ޝަކުވާތައް ބޮޑުވުމުން މިހާރު މަސް ކޭސް ހޯދުމަށް "ރޯދަހަދިޔާ ޕޯޓަލް" ވަނީ ތައާރަފްކޮށްފައެވެ. އެ ޕޯޓަލް އިން ޓޯކަން ނެގުމުން، ބަލާ ދާންވީ ދުވަހާއި ގަޑި އާއި ތަން އެނގެއެވެ.
މަސްކޭސް ދޫކުރާ ތަންތަން:
- ގަލޮޅު ދަނޑު– ސެޓަޕް 1
- ގަލޮޅު ދަނޑު– ސެޓަޕް 2
- ގަލޮޅު ދަނޑު– ސެޓަޕް 3
- ގަލޮޅު ދަނޑު– ސެޓަޕް 4
- ސޯޝަލް ސެންޓަރު
- ވިލިމާލެ – ވެމްކޯ ސައިޓް
- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް)
- ހުޅުމާލެ – ހިޔާ ޓަވަރު 10
- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް.
ސަރުކާރުން ބުނީ "މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މަސައްކަތް ކުރިއަށް ގެންދާނަން" ކަމަށެވެ.



advertisment

