ރަމަޟާން މަސް ކައިރިވަމުން އަންނަ އިރު ލިބޭނެ އެންމެ އުފާވެރި އެއް ހަބަރަކީ މިއީއެވެ.
އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް އެސްޓީއޯ އިން ވަނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފައެވެ. ކުރީގެ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ޚާއްޞަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރޭވިފައެވެ. ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަގު މައްޗަށްދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅިގެން އަންނާނެއެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެއްސިގެންދާނެއެވެ.
ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިއާލާ ވަނީ ކުރެވިފައެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބްރުއަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެއެވެ. އަދި އެއައްފަހުވެސް ގަވައިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެއެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން، އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެއެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯއިން މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެއެވެ. އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރުގެ ސަޕްލައިއެއް ފޯރުކޮށްދިނުމެވެ. މާކެޓްގައި ސަޕްލައި ގެޕެއް ނުވަތަ ޝޯޓޭޖެއް ފަހިވެ އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ނުޖެހުމެވެ.
މިވަގުތު އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލައިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ.
އެއީ:
އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
ތާޒާ ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
ޕްރޮސެސްޑް ކާނާ: ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު
ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ



advertisment

