Support Us

އެޗްޑީސީން ތަރައްގީކުރި ހުޅުމާލޭ އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފޭހުގައި ތަރައްގީކުރި "ހުޅުމާލޭ އިސްރަށްވެހިންގެ ނާދީ" މިއަދު ހުޅުވައިފިއެވެ.

ހުޅުމާލޭގައި އުޅޭ އިސްރަށްވެހިންގެ އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަގްސަދުގައި ހިޔާ ޓަވަރު އަށެއްގައި ތަރައްގީކޮށްފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުއްވައިދެއްވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފަޔާޒް މަންސޫރުއެވެ.

"މި އިސްރަށްވެހިންގެ ނާދީ އަކީ ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ހިދުމަތް ދެވޭނެ މަރުކަޒެއް ހުޅުމާލޭގައި ގާއިމް ކުރުމެވެ. އެގޮތުން، މިއަދު ހުޅުވިގެންދިޔަ ނާދީ ތަރައްގީކޮށްފައިވަނީ އިސްރަށްވެހިންނަށް ބޭނުންވާނެ އެންމެ ފުރިހަމަ އަދި ޒަމާނީ ވަސީލަތްތަކާއެކުއެވެ." އެޗްޑީސީގެ ބަޔާނެއްގައި ވެއެވެ.

"މިއީ އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށްވެސް އެންމެ އެކަށީގެންވާ ވަސީލަތްތަކާއެކު ގާއިމްކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން އިސްރަށްވެހިންގެ ހެލްތު ސްކްރީނިން އާއި، އެމީހަކަށް ބޭނުންވާ ހާއްސަ ފަރުވާ އެތަނުން ލިބޭނެއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމުގެ ގޮތުން އެ މަޒުކަޒު ފަރުމާ ކޮށްފައިވަނީ އެންމެންނަށް ބޭނުންކުރެވޭ ކޮމަން ސަރަހައްދަކާއި، ހިތްހަމަޖައްސާލައި އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަ ހިމެނޭ ގޮތަށެވެ. އަދި އޭގެ އިތުރުން އަވަސް ފަރުވާދޭ ކޮޓަރިއާއި، ނަމާދު ކޮޓަރި އަދި ބަދިގެވެސް ހިމެނޭ ގޮތަށެވެ."

އެޗްޑީސީން ބުނި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން އެކްސެސްވެވޭ ގޮތަށް ފަރުމާކޮށްފައިވާ ނާދީ ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން އިރުއޮއްސި 6:00 އަށެވެ.

"މިއީ އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ތަރައްގީކޮށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހިންގުމަށް ހަވާލުކުރި ޕްރޮޖެކްޓެކެވެ. މި ނާދީގެ ހިދުމަތް ދެވެން ފެށުމުން، ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރު އެޅިގެންދާނެއެވެ." އެޗްޑީސީން ބުނެއެވެ.

"ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނޭ މިފަދަ އެކި ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ފޯރުކޮށްދިނުމަށް މި ކޯޕަރޭޝަނުން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *