Support Us

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންޤިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ނިންމަވައިފި

ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އިންޤިލާބީ ބަދަލަކަށް މައިގަނޑު އަސާސްތައް އެކަށައެޅުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން މި ނިންމެވުން ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހުއެވެ.

ވަޒީރުންގެ މަޖީލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ޙިއްޞާ މަތިކޮށް، އަދި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދަތުރު މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައި.ސީ.ޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ގަވަރނަންސް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

އެގޮތުން ކުރެއްވުމަށް ނިންމެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

– ޤައުމީ ފެންވަރުގައި ހިންގާ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ މަޝްރޫޢުތައް ހަލުވިކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ޒަމާނީ ޤާނޫނުތައް ތަޢާރަފުކޮށް ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުން އަދި އިޤްތިޞާދެއް ބިނާކުރުމަށް ފަހި ގަވަރނަންސް އޮނިގަނޑެއް އައި.ސީ.ޓީ ސެކްޓަރގައި ގާއިމުކުރުން.

– ސަރުކާރުގެ އިދާރާތަކުގެ މެދުގައި ޑޭޓާ އަދި މަޢުލޫމާތު ފަސޭހަކަމާއެކު ޙިއްސާކުރެވޭނެ "އިންޓަރ އޮޕަރަބަލް އޯޕަން ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް" ގާއިމުކުރުން. އަދި މިކަމަށް މަގުފަހިކޮށްދިނުމަށް އަސާސީ އަސްލު 'ސިންގަލް ސޯސް އޮފް ޓުރުތް" ގެ ގޮތުގައި ބޭނުންކުރާ ސެންޓްރަލް ދަފްތަރުތަކާއި ރަޖިސްޓްރީތައް އެކަށައަޅައި އެ ދަފްތަރުތައް ނުވަތަ ރަޖިސްޓްރީތައް ބަލަހައްޓަންޖެހޭ ދައުލަތުގެ އިދާރާތައް ކަނޑައެޅުން.

– ސިޓިޒަން ސެންޓްރިކް ޚިދުމަތް ފޯރުކޮށްދިނުމަށާއި އީ-ގަވަރންމަންޓްގެ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި އޮޕަރޭޓްކުރާ ސެންޓްރަލް ޕްލެޓްފޯމްތައް އެކަށައަޅައި އާއްމުކުރުން.

– އީ-ގަވަރމަންޓް ނިޒާމު ފުޅާކޮށް ހަރުދަނާކުރުމަށް ދައުލަތުގެ ހުރިހާ އިދާރަތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން.

– ދައުލަތުގެ އިދާރާތަކުގައި އެއްކުރެވިފައިވާ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނޭޝަނަލް ސޮވަރިންގ ކްލައުޑް ގާއިމުކުރުމާއި، ޑޭޓާ ސެންޓަރުގެ ވަސީލަތްތައް ފުޅާކުރުމާއި ޑިޖިޓަލް އަރކައިވްގެ ނިޒާމު ހަރުދަނާކުރުން.

– އީ-ފާސް، އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަން ނިޒާމުގެ ގޮތުގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީކުރުމާއެކު،ޑިޖިޓަލް ސިގްނޭޗަރ ބޭނުންކުރަން ފެށުން.

– ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ފައްކާވެފައިވާ މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ސްކޫލް ކަރިކިއުލަމްގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވާ އެކަޑަމިކް ކޮންޓެންޓް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ރިސަރޗް، ޑިވެލޮޕްމަންޓް އަދި އިނޮވޭޝަންގެ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުން.

– އައި.ސީ.ޓީ އަދި އެހެނިހެން ޓެކްނޯލޮޖީގެ ޚިދުމަތްތައް ސަރުކާރުގެ ބޭނުންތަކަށް ހޯދުމުގައި ދިވެހިންނަށް އިސްކަން ދިނުން ނުވަތަ 'ލޯކަލް ފަސްޓް' ސިޔާސަތަށް ޢަމަލަކުރަން ނިންމުން.

– ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ރިސަރޗް ކުރުމަށް އިނޮވޭޝަން ހަބެއް ޤާއިމްކުރުން.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި މަތީގައި ބަޔާންކޮށްފައިވާ ކަންކަން ކުރެއްވުމަށް ޓައިމްލައިންތައް ކަނޑައަޅުއްވައި އެކިކަންކަން ޙާޞިލްކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *