Support Us

ފައިސަލްގެ ބަޔާނެއް ތިން ދުވަސް ފަހުން

ޓޫރިޒަމް މިނިސްޓަރުކަމުން މިދިޔަ އަންގާރަ ދުވަހު ވަކިކުރެއްވި އިބްރާހީމް ފައިސަލްގެ ބަޔާނެއް ތިން ދުވަސް ފަހުން މިއަދު ނެރުއްވައިފިއެވެ.

އެ ބަޔާން ތިރީގައި މި ވަނީއެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެދި، ނޮވެމްބަރު 17، 2023 ގައި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި އަޅުގަނޑު ހިމަނުއްވައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ޚިދުމަތް ކުރާން އަޅުގަނޑަށް ފުރުސަތު ދެއްވެވި އެވެ. އެއީ އަޅުގަނޑަށް ލިބުނު ނުހަނު މަތިވެރި އުފަލަކާއި ޝަރަފެކެވެ.

"ޖަނަވަރީ 28، 2025 ގައި މަގާމުން އަޅުގަނޑު ވަކި ކުރުމާ ހަމައަށް، އެ މަނިކުފާނުގެ ސަރުކާރުގައި ވޭތުވެދިޔަ މުއްދަތުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރާން އަޅުގަނޑަށް ފުރުސަތު ދެއްވެވި ކަމީ އަޅުގަނޑު އަބަދުވެސް ފަޚުރުވެރިވާނެ ކަމެކެވެ. އަދި އެކަން މައްޗަށް މާތް الله އަށް ޝުކުރުވެރިވާ ކަމެކެވެ. ދިވެހި ގައުމަށާއި ދިވެހި ރާއްޖޭގެ ޓޫރިޒަމަށް ޚިދުމަތް ކުރާން އަޅުގަނޑަށް ފުރުޞަތު ދެއްވި ކަމައްޓަކައި އިހުލާސްތެރި ކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާ ކުރަމެވެ.

"ވޭތުވެ ދިޔަ ތަނުގައި، އަޅުގަނޑާ ހަވާލު ކުރެއްވި މަސައްކަތް އަޅުގަނޑު އަދާ ކޮށްފައި ވާނީ ޝައުގުވެރިކަމާއި އިޙްލާސްތެރި ކަމާއެކު ތެދުވެރިވެ ހުރެ އެވެ. އަޅުގަނޑު ޤާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލި ނުވެ އެވެ. އަޅުގަނޑާ ހަވާލު ކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހިރައްޔިތުންނާއި ގާތުންނެވެ. ބަދަލުވަމުންދާ ދުނިޔޭގެ ފަތުވެރިކަމަށް ބަލައިގެނެވެ.

"ދިވެހި ސަރުކާރުން މިދިއަ އަހަރަށް ކަނޑައެޅި މައިގަނޑު އަމާޒު، 2 މިލިއަން ޓޫރިސްޓުންގެ ލަނޑު ދަނޑިއަށް ވާސިލު ވެވުނެވެ. އެއީ ދިވެހިންގެ ހަޔާތުގައި ތާރީޚީ އުފަލަކާއި ބޮޑު ކާމިޔާބީއެކެވެ. އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުނަށް ހޯދައި ދޭން އަޅުގަނޑަށް އުޅެވުނީ ޓޫރިޒަމް އިންޑިސްޓްރީގެ އަޑު އަހައިގެނެވެ. ދިވެހި ރައްޔިތުން ފަރާތުންގެ އައި ފާޑުކިޔުން ވެސް ބަލައިގަނެގެނެވެ. ރައްޔިތުން ކީ ފާޑަކީ ކުރިޔަށް ދާން އަޅުގަނޑަށް ލިބުނު ގަދަ ހިތްވަރަކަށްވި އެވެ.

"ދިވެހި ސަރުކާރާއެކު ދިވެހި ގައުމަށް އަޅުގަނޑު ޚިދުމަތް ކުރި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓަރީގެ ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވިސް މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް އެއްބާރުލުން ދީފައި ވަނީ ނުހަނު ބޮޑަށެވެ. އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ހިތުގައި އޮތީ ލޯތްބާއި ޝުކުރެވެ.

"ޓޫރިޒަމް އިންޑަސްޓްރީ އާއި އެ އިންޑަސްޓްރީގައި ހިމެނޭ މަޓީ، މަޓާޓޯ އަދި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް، އަޅުގަނޑަށް ދެއްވެވި އެއްބާރުލުމަކީ ގަދަ ބާރަކަށްވި އެވެ. އެ ފަރާތްތާމެދު އަޅުގަނޑުގެ ހިތުގެ ފުނުގައި އޮތް ޝުކުރާއި ލޯބި ބޮޑެވެ. އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނާއި އެތާނގެ ވެރިންނާއި މުވައްޒަފުން ހިމެނޭ ގޮތުން އުފެދިފައި އޮތް ލޯތްބެކެވެ.

"ދިވެހި ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދާން ޖެހެ އެވެ. އެކަމަށް މިހާރު ދިވެހިން އަޅާންޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ފިޔަވަޅުތަކެކެވެ. އެއީ ޓޫރިޒަމްގެ ފަހި ފުރުސަތުތައް ޒުވާނުންނަށް ހޯދައިދީ، އިންވެސްޓްކޮށް ޒުވާނުންގެ ބައިވެރިވުމާއެކު ދިވެހި ޓޫރިޒަމް ދިވެހިންގެ އަތް މައްޗަށް ގެނައުމެވެ. އިތުރު އެނދު ތަރައްގީ ކުރާނެ ފަންޑު ހޯދައި ދިނުމާއެކު ފަސޭހަ ފަހި މާހައުލެއް ޒުވާނުންނަށް އުފައްދައި ދިނުމެވެ.

"ކުޑަ އިންޓްރަސްޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމަ ދިމާއަށް ލުއިތައް ހޯދައިދީ ކަނެކްޓިވިޓީ އިތުރު ކުރާން ޖެހެ އެވެ. ލ. ހުޅިމެންދޫގައި ތަރައްގީ ކުރާން ނިންމާފައިވާ ޓޫރިޒަމް ޓްރޭނިން ސްކޫލްގެ އުފެދި ތަރައްގީވާން ޖެހެ އެވެ. ޒަމާންވެ ނުހެދި، ސިމެންތިއަށް ވެފައިވާ ރަށްތަކުގެ ވެރިންނާ ވާހަކަ ދައްކައި މާކެޓަށް ނެރެވޭނެ ގޮތް ހޯދައިދޭން ޖެހެ އެވެ. މިކަން ކަން ވެގެން ދިއުމަކީ އަޅުގަނޑު ދެކޭން ބޭނުންވާ ތަނެވެ.

"ޓޫރިޒަމަކީ ރާއްޖޭގެ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އިންޑަސްޓްރީ އެވެ. އެ އިންޑަސްޓްރީ ފުޅާކޮށް ޒަމާނީ ކުރުމާއެކު މާކެޓްކޮށް އެކްސްޕްލޯ ކުރުމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ދީފައި އޮންނަ ބެޖެޓް 25 މިލިއަނާއި 50 މިލިއަން ޑޮލަރު ދެމެދުގެ އަދަދަކަށް ބަދަލުވާންޖެހެ އެވެ. އެކަން ބަދަލުވެ އެ ބަޖެޓް ބޮޑުވާން ޖެހެ އެވެ.

"ޓޫރިޒަމާމެދު އަޅުގަނޑުގެ، މެދުރާސްތާގެ ތަސައްވުރެއް އޮވެ އެވެ؛ އެއީ މީގެ 15 އަހަރު ފަހުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 އާ ދެމެދު އެނދު އުފައްދާ ބައިނަލްއަޤުވާމީ އެއާޕޯޓްތަކާއެކު ޝެޑިއުލް ފްލައިޓްތައް އަޅާން ފަށައި ދިވެހި ޓޫރިޒަމް ފުޅާ ވުމެވެ. ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައި ދިނުމާއެކު ޓޫރިޒަމް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމާއި ސްޕޯޓް ޓޫރިމާއި ހެރިޓޭޖް ޓޫރިޒަމް ފުޅާ ޖާގަ ހޯދައި ދިނުމެވެ.

"ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އަބަދުވެސް އަޅުގަނޑުގެ އެންމެ ބޮޑު އުފަލެވެ. ދެކޭ އެންމެ ބޮޑު ހުވަފެނެވެ. އަޅުގަނޑު އަދާ ކުރަން ޖެހޭ އެންމެ ބޮޑު ގައުމީ ވާޖިބުވެސް މެއެވެ. އަޅުގަނޑު އެދެނީ ދިވެހި ގައުމާއި، ރާއްޖޭގެ، ޓޫރިޒަމަށް ފެހި ކަމާއި އާރޯ ކަން ލިބިލިބި ހުރުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *