ހއ. އަތޮޅުގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
މިދިޔަ އަންގާރަ ދުވަހު ފެއްޓެވި ތިން ދުވަހުގެ މި ދަތުރުފުޅުގައި ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށް ޒިޔާރަތްކުރައްވައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އުންމީދީ ގިނަ ކަންތައްތަކެއްގެ ވާހަކަ ހިއްސާކުރައްވާފައެވެ. އެގޮތުން، އެކި ރަށްތަކަށް އެންމެ ބޭނުން ޖެހިފައިވާ ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށްޓަކައި ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ކައުންސިލްތަކަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ އެކި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވައި ބައެއް ރަށްރަށުގައި ޤާއިމުކޮށް ނިމިފައިވާ ޚިދުމަތްތައް، ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ މަންދޫބުން ވަނީ އިފުތިތާހުކޮށްދެއްވާފައެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން، އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށްޓަކައި، އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އެ މަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރަށްރަށުގައި ވަރަށް އަވަހަށް މަސައްކަތްތައް ހިނގައިގަންނަން ބޭނުންފުޅުވާތީއާއި، އެ ގޮތުން ރަށްރަށުގެ ކައުންސިލާއި އެހެނިހެން މުއައްސަސާތަކާއި ވަޒީރުންނާއި ބައްދަލުވެ، ވާހަކަ ދެކެވިގެން، މައްސަލަތައް ހައްލުކުރެވި، އަވަހަށް ކުރިއަށް ދެވޭނެގޮތާއި ނަތީޖާއާ ހަމައަށް ވާޞިލުވެވޭނެގޮތް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާގޮތްކަމަށް ވާތީ، މި ދަތުރުފުޅުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެކިއެކި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރެއްވި، ތިން ދުވަހު ދަތުރުފުޅެކެވެ.



advertisment