ރައީސުލްޖުމްހޫރިއްޔާ މި ފަދައިން އިޢުލާންކުރެއްވީ ހއ.ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުތީމަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މިއީ އުތީމު މަހާރަދުންގެ އުފަން ރަށް ކަމަށާއި، އުތީމު ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ފެންނަން ހުރިއިރު، އެ ފަދަ ތަންތަން ބެލެހެއްޓުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދިވެހި ޤައުމިއްޔަތުގެ އައިޑެންޓިޓީ ޙިމާޔަތްކުރުމަށްޓަކައި މިއީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަމަށް ބޭނުންވާ އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން، ޤައުމީ ވިސްނުންފުޅެއްގައި، ހުރިހާ ރައްޔިތުންގެ ޙައްޤުގައި، ކޮށްދެއްވާ ކަމެއްގެ ގޮތުގައި، ކޮށްދެއްވަންޖެހޭ ކޮންމެކަމެއްވެސް ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރައްވަން ގަސްތުކުރައްވަނީ ދެ އަހަރުގެ މަޝްރޫޢެއްގެ ގޮތުގައިކަން ސިފަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމުގެ ނަތީޖާއަކަށް ވާނީ، ފިކުރީ ގޮތެއްގައި ޤައުމީ ވިސްނުމުގެ ފިކުރު ފެތުރުމުގައި، އުތީމަށް އަދާކުރެވޭނެ ދައުރަށް ފަހި މަގެއް ކޮށިގެން ދިއުން ކަމަށެވެ. އުތީމަކީ، ދިވެހި ޤައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދިނުމުގައި، އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުރަންޖެހޭ ރަށެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރަށުގެ ކޮންމެ ވެލިފުކަކުން ބުނެދޭ ބުނެދިނުމަކީ، ކޮންމެ ރައްޔިތެއްގެ ހިތުން ކިޔާ ނިދާއަކީ، އަދި ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކައަކީ ޤައުމީ ތަރިކައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.
އެހެންކަމުން، ސަރުކާރުގެ ތަރައްޤީގެ ދުވެލީގައި މުހިންމު ދައުރެއް، ވަރަށް ފުރިހަމަ ގޮތެއްގައި އުތީމުގައި އަދާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޢުމްރާނީ ތަރައްޤީގެ ރޮނގުންވެސް ގިނަ މަޝްރޫޢުތަކެއް އުތީމުގައި ހިންގަންޖެހިފައި އެބަހުރިކަން ފާހަގަކުރައްވައި، އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ އެހެން ރަށްތަކާ ތަފާތު ކުރުން ނޫން ކަމަށާއި، މިއީ މުޅި ރާއްޖޭގެ ޙައްޤުގައި ކުރައްވަންޖެހޭ ކަމެއް ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަހަމަކަމާއި ޢަދުލުވެރިކަމުގެ ގޮތުން ބަލާއިރުވެސް، ކަން އޮންނަންޖެހޭ ގޮތަކީ މިއީ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަފައި ވަނީ، އުތީމުގެ ތަރައްޤީއަށްޓަކައި މަސައްކަތްޕުޅުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައި، މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް އުތީމަށް އެނބުރިވަޑައިގެންނެވުމަށް އުންމީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ، އުތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު އޮތް ރަސްމިއްޔާތުގައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭ.ޓީ.އެމް ބެހެއްޓުމާ ބެހޭ އެއްބަސްވުމުގައި ހއ. އުތީމު ކައުންސިލާއި ބީ.އެމް.އެލްއާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އުތީމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތާއި، ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަކިވަކީން އޮތް މި ދެ ރަސްމިއްޔާތުގައި، އުތީމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރެވެ. ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ޢަލީ އިޙްސާނެވެ.
ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީ އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އުތީމަކީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ތިން ވަނަ ރަށެވެ. މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



advertisment