ސަރުކާރުން ކަންކަން ޢިއުލާންކުރަނީ، ކުއްލިއަކަށް އެއްވެސް ކަމެއް ނުބައްލަވައި ނޫން ކަމަށާއި، އޭގެ ބަދަލުގައި ކަންކަން ޢިއުލާންކުރައްވަނީ، އެ ކަންކަން ރާވައި އެކަންކަން ކުރުމަށް މަޝްވަރާކުރުމަށްފަހު، އެކަންކަން ކުރެވޭނެ ގޮތްތައް ކަނޑައަޅައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. މުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށު ސުކޫލުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަރަށް ސާފުކޮށް ސަރުކާރުން ކުރާނެ ކަންކަން ތަރުތީބުކުރެވިގެންދާނެ ގޮތް އަބަދުވެސް ހާމަކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ ދުރުރާސްތާ ޕްލޭނާއި މެދުރާސްތާގެ ޕްލޭންގެ އިތުރުން ކަންކަން ކުރުމުގައި އިސްކަންދެއްވާ ތަރުތީބުވެސް ޢިއުލާންކުރައްވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް އެ ދަތިވާކަންކަމަށް ޙައްލުތައް ގެނެސްދިނުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ ސަރުކާރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކުރައްވައިގެން، ރަށްރަށުގައި ނުފެށި ހުރި، އަދި ހުއްޓިފައި ހުރި މަޝްރޫޢުތައް ހިންގޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި އެކަންކަން ކާމިޔާބުކުރެއްވޭ ކަމުގައި ފާހަގަކުރައްވައި، ދެން ފެނިގެންދާނީ ބަޖެޓުގައި ހުރި ފުރުޞަތުތަކުގެ ތެރެއިން ހުއްޓިފައި ހުރި، ނުހިނގާ ހުރި ކަންކަމާއި، އަދި ސަރުކާރުން އަލަށް ކުރުމަށް ވަޢުދުވެފައިވާ ކަންކަން ހިނގައިގަންނަ މަންޒަރުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުރައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުރައިދޫއަށް އެންމެ މުހިންމީ ބަނދަރުގެ މަޝްރޫޢު ކަމަށެވެ. އެހެންކަމުން ބޭރުތޮށީގެ މައްސަލަ ހައްލުކުރުމަށްފަހު، މަގު ހެދުމަށް ވެވަޑައިގެންނެވި ވަޢުދު މި ދައުރުތެރޭގައި ފުއްދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ އާބާދީއަށް އެކަށީގެންވާވަރަށް، ހަމަހަމަ ގޮތެއްގައި ޞިއްޙީ ޚިދުމަތް، ކޮންމެ ރައްޔިތަކަށްވެސް ލިބުމަށް، އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމުގައި ފާހަގަކުރައްވައި، އެކަންވެސް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވާނެ ކަންކަންވެސް ތަރުތީބުކުރައްވައިގެން ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ދުޅަހެޔޮ ޞިއްޙަތަކަށް ބޭނުންވާ، ކުޅިވަރުގެ ދާއިރާވެސް، މުރައިދޫގައި ކުރިއެރުވުމަށް ރާއްވަވައިގެން ސަމާލުކަންދެއްވާ ތަރުތީބުން ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ މުރައިދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ، މުރައިދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް، ރަސްމީ ގޮތުން ރަށު ކައުންސިލާ ހަވާލުކުރައްވާފައިވެއެވެ.



advertisment