ޖާހު އިންވެސްޓްމަންޓުގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކުރާ، ދިގުލައިގެން ގޮސްފައިވާ "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމަން އެންމެ ފަހު ނޯޓިސްގެ ގޮތުގައި 45 ދުވަސް ދީފިއެވެ.
އެޗް.ޑީ.ސީން ބުނީ އެ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާޠިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނެގުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފައިވާ ކަމަށެވެ.
"ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ވަނީ މުއްދަތު އިތުރުކޮށްދެވިފައެވެ. ނަމަވެސް އަދާ ހަމައަށް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، މި ކުންފުންޏާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް ދިނުމަށް، މި ކުންފުނީގެ ބޯޑުން ނިންމައި، އެ ނޯޓިސް ވަނީ 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ފޮނުވިފައެވެ." އެޗް.ޑީ.ސީގެ ބަޔާނުގައި ވެއެވެ.
"މި ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާޠިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނެގުމަށް މިކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ.
"މި ކުންފުނިން މި އެޅި ފިޔަވަޅު އަޅާފައި މިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ޙަވާލުކުރެވޭނެ މަގު ފަހިކުރުމުގެ ބޭނުމުގައި ކަން މި ކޯޕަރޭޝަނުން ފާހަގަކުރަމެވެ."



advertisment

