ދިވެހި ޅެންވެރި "މަގޭގުލްޒާރު" ފަހެ އަދު އެބަހެދޭތޯއޭ
ރިވެތި މައު ޗާލު ނޫރާނީ އެގުލްޒާރުން ފޮޅޭތޯއޭ
"ހިމާރުލްގައުމު" ސިފަކޮށްދެއްވި އުންމީދީ މަނާޒިރުތައް
އިމާމެއް މުރުޝިދެއް ނުބަލައި އަތުން ކުރަހާލެވޭތޯއޭ
ވަލަށްވަދެ ޖެހުނުހާ ގަހަކުން ހިތަށްއެރިހާ މަލެއް ބިނދެގެން
ކަރަށް އަދަބީ ދިވެހި ހެޔޮވަރު މަލުން ހާރެއް ގެތޭތޯއޭ
އަލުން އާރާގަކަށް އަމުނައި ހިމުންކޮށް ބަސްކޮޅެއް އަތުރައި
ލުމުން ޅެމެކޭ އެއަށް އަދަބީ ބުނުން ހިތްހަމަޖެހޭތޯއޭ
މެލާމެލިމާ އެތާ ފޮޅެއޭ ބަލާބިލު ތިބެ އެތާ ގޮވައޭ
ދަމާފިޔަ ނޫގުރާ އުޅެއޭ އެއިން ރޫހެއް ދިރޭތޯއޭ
ބިމުން މުޑުވައް ހިނގާ ކުރަމާ ކަމާވެނިކަން ބަލައި ހޯދާ
އިމުން ގަސްތައް އަލުން ހެދިގެން މަލުން މުއްސަނދިވެވޭތޯއޭ
ދިހުން އެއަރާ ކޮކާ ބަނޅިދާ ހިތުން އުދުހޭ ވެގެންމެ އުފާ
ހެމުން މާބުރު މަޒާނެރެދޭ އަލުން މޫސުން ފެނޭތޯއޭ
ހެދޭގަސްތައް އެތަންމިތަނުން އަލުން ފެހި ފޯދިގެން ދިއުމުން
ފުދޭވަރު މާތަކެއް ވެދުމަށް އަތުން ބިނދެވެސް ލެވޭތޯއޭ
ހިނގާށޭ އަތުގުޅަން އުސްތާޒުނާ އުދަބާއުނާ އިލްމީ
ނަގައިގެން އިހުގެ މޮޅުޗާޓެއް އަލުން ބަހުސަށް ފެށޭތޯއޭ
ޚިލާފެއް ނެތި ހިނގާކުރިއަށް އުފާވާނޭގޮތުން އެންމެން
ފިލާނުމެދާ ވަރުން މެދުމިން ސަލާމް ވެދުމާ ވެވޭތޯއޭ



advertisment