Support Us

ޕާކިސްތާނުގެ އައު ސަފީރު ފަތްކޮޅު އަރުއްވައިފި

ޕާކިސްތާނުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އައު ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަރޑް) ފައިސަލް ރަސުލް ލޯދި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ޕާކިސްތާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި، ސިއްހީ ދާއިރާއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާތައް ހިމެނެއެވެ.

މިބައްދަލުކުރެއްވުމުގައި ޕާކިސްތާނުގެ އައު ސަފީރު ވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި މެދު ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހިރާއްޖެއިން ގެންގުޅުއްވާ ސިޔާސަތަށް ތައުރީފްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *