ދިވެހިރާއްޖެ ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުުން މިއަދު ކުރާ އިހްތިޖާޖަށް ރާއްޖޭގެ ހުރިހާ ރަށްތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ޕީއެންސީގެ ނައިބް ރައީސް ކުރީގެ ފެނަކައިގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅިވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ އަތޮޅުތަކުގެ މުޒާހަރާ ކޮމީޓީ ވިލަރެސް ކުރައްވާ ނިމާލް މިއަދު އަދިވެސް ނޫހަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހަވީރު 4 ޖަހާއިރު މުޒާހަރާ ފެށިގެން އިރުއޮއްސި 6 ޖަހަންދެން ކުރިޔަށްދާނެ ކަަމަށެވެ.
"މުޒާހަރާއަށް ބޭނުންވާ ބޯޑްތަކާއި ބެނާތައްވެސް ރަށްރަށުގައި ވަރަަށް ފޯރިއާއާ އެކު ތައްޔާރުކުރަމުންދަނީ،" ނިމާލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދުގެ މުޒާހަރާއަކީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލު ރައްކާތެރިކުރުމަށް ބާއްވާ ހަރަކާތަކަށް ވާތީ މި ހަރަކާތުގައި ގައުމާއި ވަތަން ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ބައިވެރިވާނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި މުޒާހަރާ ކުރިއަށްދާ ވަގުތުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާލޭގައި ޒުވާނުންގެ ސައިކަލް ބުރެއްވެސް ބޭވުމަށް ވާންޖެހޭ ތައްޔާރީތައް ކުރަމުންގެންދާ ކަމަށެވެ.

"މިއަދުގެ މުޒާހަރާއަށް ނުކުންނާނީ ހުއްބުލްވަތަންގެ ދިފާއުކުރުމަށް ލައްބައިކައޭ ބުނެ. މިއީ އެއް އަޑަކުން މުޅި ރައްޔިތުން ގައުމު ދިފާއުކުރުމަށް ކުރާ އިހްތިޖާޖެއް. މި ހަރާކާތުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ނިމާލް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން މުޒާހަރާއަށް ނިކުންނަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިޔާއަށް ރާއްޖޭގެ ބައެއް ރަށްތައް ވިއްކާލެވޭ ގޮތަށް އިންޑިޔާއާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއް އެކުލަވާލި ކަމަށް ބުނެއެވެ. އަދި އެ އެއްބަސްވުން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ގިނަ ފަހަރު އިލްތިމާސް ކުރި ނަމަވެސް އެކަން ސަރުކާރުން ޖަވާބެއް ނުދެއެވެ.



advertisment