Support Us

ނިއުޒިލެންޑްގެ މިސްކިތްތަކަށް ހަމަލާދިން ޓެރަރިސްޓު އުމުރަށް ޖަލަށް

ނިއުޒިލެންޑްގެ ދެ މިސްކިތަކަށް މިދިޔަ އަހަރު ހަމަލާދީ 51 މުސްލިމުން މަރާލި އޮސްޓްރޭލިއާގެ ބްރެންޓަން ޓެރެންޓް އުމުރަށް ޖަލަށް ލުމަށް ނިއުޒިލެންޑްގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

ނިއުޒިލެންޑްގެ ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށާއި، 51 މީހުން މަރާލުމާއި، 40 މީހުން މަރާލަން މަސައްކަތް ކުރިކަމުގެ ކުށް ޓެރެންޓް، 29، ގެ މައްޗަށް ސާބިތުވާ ކަމަށެވެ. މިކަމާއި ގުޅިގެން ޓެރެންޓްގެ މައްޗަށް އިއްވާފައި ވަނީ ޕެރޯލަކާ ނުލައި، އުމުރު ދުވަހަށް ޖަލަށް ލުމުގެ ހުކުމެކެވެ. މިއީ ނިއުޒިލެންޑްގެ ތާރީހުގައިވެސް ޕެރޯލް ނުލިބޭ ގޮތަށް މީހެއްގެ މައްޗަށް ހުކުމް އިއްވި ފުރަތަމަ ފަހަރެވެ.

މި މައްސަލައިގެ ހުކުމް އިއްވަމުން ފަނޑިޔާރު ކެމެރޮން މެންޑާ ވިދާޅުވީ، އެފަދަ ލާއިންސާނީ އަމަލެއް ހިންގުމަށްފަހު ވެސް އެއީ ކުށެއް ކަމަށް ޓެރެންޓް ގަބޫލުނުކުރާ ކަމަށެވެ. އަދި އެފަދަ ރަހުމެއް ނެތް މީހެއް އުމުރު ދުވަހު ޖަލުގައި ބޭއްވި ނަމަވެސް އެއީ އޭނާ ކުރި ކުށާއި އަޅާބަލާފައި ކުޑަ މިންވަރެއް ކަމަށް ވެސް މެންޑާ ވިދާޅުވިއެވެ.

ނިއުޒިލެންޑްގެ ކްރައިސްޗަރޗުގެ ދެ މިސްކިތަކަށް ހަމަލާދީ، 51 މީހުން މަރާލީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. އެ ހަމަލާތަކުގައި އިތުރަށް މީހުން ނުމެރުނީތީ ދެރަވާ ކަމަށް ފުލުހުންގެ ތަހުގީގުތަކުގައި ޓެރެންޓް ވަނީ ބުނެފައެވެ. އަދި ހަމަލާތައް ދޭން ރޭވީ، މިސްކިތުގައި މީހުން އެންމެ ގިނަ ވަގުތު ބަލާފައި ކަމަށާއި، އޭނާގެ ބޭނުމަކީ ނިއުޒިލެންޑްގައި ދިރިއުޅޭ މުސްލިމުންގެ މެދުގައި ބިރުވެރިކަން އުފެއްދުން ކަމަށް ވެސް ޓެރެންޓް ވަނީ ތަހުގީގުގައި ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *