ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެންމެ ބޮޑު އެއް ސަބަބަކީ ވޭޕް އޮއިލްގެ ނަމުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުން ގެންދާތީ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ "ކެނަބިސް" ޝިޕްމަންޓެއް ރޭ ކަސްޓަމްސްއިން އަތުލައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މިއީ ރައީސް ޑ. މުއިއްޒު މިއަދު ނެންގެވި ޑިސިޝަން (ވޭޕް މަނާކުރަން ނިންމެވުން) ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު،" އިހުސާން ވިދާޅުވި އެވެ.
މީގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދޭ ކަމަށް މިނިސްޓަރ އިހުސާން ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރުމުގެ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ޑރ. މުއިއްޒު ނިންމަވައި އެކަމާ ބެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އިއްޔެ ވަނީ އަންގަވައިފަ އެވެ.
އެގޮތުން އަންނަ ނޮވެމްބަރު މަހުގެ 15 އިން ފެށިގެން، ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެތަކެތީގެ ވަކިވަކި ބައިތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި މި އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ގެންގުޅުމާއި އުފެއްދުމާއި ބޭނުންކުރުމާއި ވިއްކުން އަދި އިޝްތިހާރުކުރުން މަނާކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ ނިންމަވައިފަ އެވެ.



advertisment