ހިތެއް ބޭނުން ވިޔަސް އެ ހިތަށް ނެތޭ އަދުގައި ހިތުގެވެރިކަން
ހިތެއްގައި ހުޅުކޮޅެއް ނޭނގޭ ލެވޭ ހިނދުގައި ފިތުނަވެރިކަން
ތިމާގެ އަޚާ، އަވައްޓެރިޔާ، އުޅޭ ދަތި ހާލު ވެސް ބަލަމުން
ދެމުން ދާނަމަ އެހީތެރިކަން، އިތުރުވާނޭ މުދާވެރިކަން
ކިތައް މީހުން ޒަމާނުގެ ޒަހަރު ހިތުގައި ލާން ރުހުންދީފައި
ދެތަންވާ ސަބަބަކީ ތޯ މޮޔަ ލަމުންދާ މޫ ދެކޮޅުވެރިކަން
ދެ ޚަސްމުގެ އެންމެހާ ހެއްކާ ޤަރީނާތައް ތަރާދަށްލައި
ލަހެއް ނުވެ ހެޔޮ ނިޔާ ކަނޑައެޅުމަކީ ނޫންތޯ ޢަދުލުވެރިކަން
ވުމުން ބުރުސޫރައިން ޒީނަތް، އެހެން މީހުން ޤަދަރުކުޑަކޮށް
ހެމުން ބިމުގައި ބޮޑާވުމަކީ، ޔަޤީނުން ވެސް ކިބުރުވެރިކަން
ދިމާވީ ހާލަތުން ނަމަވެސް، ހިލޭ މީހަކު އުނގަށް ވަންނަން
ތިމާ ޖިސްމާ ހިތާ ލޯ ވެސް މަރައިލުމަކީ ޢަބުރުވެރިކަން
