އަދު މަޑުން ހަމަ ނޯވިގެން ދޫ މަޑުމަޑުން ހެލިލައިފިތާ
ގަދައަޑުން މިގޮވާ ގޮވެލި ކަންފަތްބުޑަށް ޖެހިލައިފިތާ
ބުނުމަކުން ވާނޭކަމެއް ނޯންނާނެއޭ ބުންޏަސް ބޮލާ
ބުނުމަކާ ނުބުނުން ހިލާ އެއްހަމަވެގެން ނުމެވާނެތާ
ޚަބަރުތައް އެކި ފުށްފުށުން އިވެމުން މިދާ ހަބަރަށް ވުމުން
ސޮބުރުގައި އެއަޑެއް އެހުން ތަކުރާރު ވާނީ ފޫހިތާ
ގުދުކަލޯ ގޯންޏެއް ހިފައިގެން ގުދުގެ ތުންފެހި މަގުމަތީ
ގުދު ގުނަން އަނެކާގެ އުޅުމުން ލަދުގެ ހައްދެއް ނެތްމެތާ
ވައްކަމާ މަކަރާ ޚިޔާނާތް ލައްކަ ގިނަވެއްޖޭ މިތާ
ދައްކަވަން އޮތް ދުނިޔެއެއް ތާއޭ މިވެސް މިހުރީ ހިތާ
ޢިލްމުވެރި ދޫތަކުގެ އޮޅުވާލުން ނުހަނު ބިރުވެރި ވެފާ
ބިލްތަކާއި ރަސީދުތައް ސަހަލެއް މެނޫން އެހެދޭ ގޮތާ
ބޮލަރުވިއްޖެ އަމާނަތެއް ނަމައީ ޣަނީމާއެއް ކަމަށް
ދޮލަނގަކަށް ލައިގެން ގެނެސްދިން އެތިބެނީ ދެކިގެންމެތާ
މަގުމަތީގެ ނުރައްކަލެއް މެދުވެރި ނުވާ ދުވަހެއް މަދޭ
ހަގު ޒުވާން އެތަކެއް ދަރީން ނެތިދާ މިއީ ސަބަބެއްމެތާ
ލަދުހަޔާތުގެ ނުދަނެއޭ ސިފަވެސް މިޖީލުގެ ވިސްނުމެއް
ލަދުހަޔާތުގެ ނަން މިއަދުވެސް މުސްކުޅިން ކިއަތޭ މިތާ
ފިކުރުތައް ކަޅުހެދުމުގައި ކުރަނީ ސުވާލެއް ކަރުނަޔާ
ބިކުރުވެރި ޖައުހަރު މިތާ ނީލަން މިކިޔެނީ ކީއްވެތާ
ފިއްޔަކުން ވެސް އަކުރަކުން ވެސް ނޯވެފާ އެއްގޮތްކަމެއް
އިއްޔެއާ މިއަދުގެ ބަހީ އޭ މަޝްރިޤާ މަޣުރިބުމެތާ
ތެދުގެ އޮފުކެނޑި ދޮގުގެ ވިދުވަރު ގަދަވެދާ ފިޔަވަޅުމަތީ
އެދުމުގާ ހައްދެއް ނެތުން މީ ގަދަރުއުފުލޭ ގޮތްމެތާ
މުސްލިމީ ކާޑެއް ހިފައިގެން ދުޝްމިނުން ގާތަށް ހިނގާ
ހުސްގަޔާ ދިއުމުން މަލާމާތެއް ނުކޮށް ނުތިބޭނެތާ
ހުސްއަތާ ހުރި މުސްލިމެއް މީ މުސްކުޅިންގެތެރޭން ގުނޭ
ކުސްތަޅާލީ އަސްލަކުން ހެޔޮ އެއްސެވުން އެދިގެންމެތާ
ހާދަދެރައޭ ހާސަރެއް ދެމުނީ މަށަށް ބޭއަދަބުގާ
އާޑައެއް ނޫން ވާޖިބެއްމީ އާދަމީ ވިސްނިއްޖެތާ
