Support Us

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުުގެ މައްސަލަ:

ބައްޕާފުޅުގެ ދިފާއުގައި ޣައްސާނު ނުކުންނަވައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު އިއްޔެ ހުށަހެޅުއްވި އިސްލާހާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ހިޔާލު ފާޅުކުރެއްވުމުން، އެއާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ހޫނު ރައްދެއް ދެއްވުމާއެކު، ބައްޕާފުޅުގެ ދިފާއުގައި ދަރިކަލުން ޣައްސާނު މައުމޫން ނުކުންނަވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނަކީ، އޭނާގެ ބައްޕާފުޅާއި ބޮޑުބޭބެ ކަމަށްވާ ކުރީގެ ރައީސް ޔާމީނާ ދެމެދު އުފެދުނު ސިޔާސީ އަދި އާއިލީ ބައިބައިވުމުގައި، ރައީސް ޔާމީން ފަޅީގައި ދެގޮތެއް ނެތި ހުންނެވި ބޭފުޅެކެވެ. ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތުގައި ރޯދަ މަހެއް އެއްކޮށް ބައްޕާފުޅު ޖަލުގައި އޮންނެވިއިރު ވެސް، ޣައްސާނު ޗުއްޕު ވެސް ވިދާޅުވެފައެއް ނެތެވެ. ރައީސް މައުމޫންގެ އަނެއް ތިން ބެއިން ތިއްބެވީ ބައްޕާފުޅާ އެއްކޮށެވެ.

ޣައްސާނުގެ ފޭސްބުކުގެ ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓްގައި ރައީސް ނަޝީދަށް ރައްދު ދެއްވައި ވިދާޅުވެފައި ވަނީ ވޯޓަކުން ބަލިވާ ކޮންމެ ފަހަރަކު ވޯޓް އޮޅުވާލީ ކަމަށާއި، ރައީސްކަމުން އިސްތިއުފާ ދެއްވައިފައި، އެއީ ބަޣާވާތެއް ކަމަށް ވިދާޅުވި ކަމަށާއި ވެރިކަމާއި މަޖިލިިސް ހުރިހާ ބާރެއް ލިބި ގައުމު ނުހިންގުނީމައި ކުރީ ސަރުކާރު ނޫނީ ކޯލީޝަންގެ ބޮލުގައި ކަންކަން އަޅުވަނީ ކަމަށާއި ދޮގު ހެދުން ނޫން ކަމެއްް ނުދަންނަ މީހެއްގެ ބަސް ދިވެހިން ދެން ގަބޫލެއް ނުކުރާނެ ކަމަށެވެ.

Vote akun balivaa komme faharaku: anehkolhun olhuvaalee kamah. Isthiufaa dheefa: baghaavaatheh kamah. Verikan, majlis…

Posted by Mohamed Ghassan Maumoon on Monday, August 24, 2020

ޖާބިރު ހުށަހެޅުއްވި، ނިޒާމު ބަދަލުކުރުމާ ގުޅޭ އިސްލާހަށް ރުހިވަޑައިނުގެން ރައީސް މައުމޫން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ، އިގްތިސާދީ ހާލަތަށް ބަލާއިރު ރައްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށާއި އެކަން ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތުން 2007 ގައި ނިންމައިފައިވާ ކަމަށެވެ.

ރައީސް މައުމޫންގެ އެ ޓްވީޓަށް ރައްދު ދެއްވައި ރައީސް ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް މައުމޫނުގެ 30 އަހަރުގައި ނެންގެވި ކޮންމެ ވޯޓެއްވެސް ވަނީ އޮޅުވާލައްވައި މަކަރު ހައްދަވާފައި ކަމަށާއި އެގޮތުން 2007 ވަަނަ އަހަރު ނެގި ނިޒާމުގެ ވޯޓްވެސް ކަނޑައެޅިގެން އޯޅުވާލެއްވެވި ކަމަށާއި އޮޅުވާނުލެއްވުނީ ހަމައެކަނި 2008 ވަނަ އަހަރުގެ އިންތިހާބު ކަމަށެވެ. އެ އިންތިހާބު އެ ފަހަރު ކާމިޔާބު ކުރެއްވީ ރައީސް ނަޝީދެވެ. ނަމަވެސް އެމަނިކުފާނު ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވަވާފައެވެ.

ރައީސް ނަޝީދުގެ އެ ޓްވީޓަށް ރައީސް މައުމޫން ވަރުގަދަ ރައްދެއް މިއަދު ދެއްވައި ވިދާޅުވީ ދެރަފުޅުވެ ވަޑައިގެންނަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ހައްދަވާތީ ކަމަށާއި 30 އަހަރު ތެރޭގައި އެ ހުރިހާ އިންތިހާބެއް އޮޅުވާލިއިރު 2008 ގެ އިންތިހާބު އޮލުވާނުލެވުނީ ކީއްވެގެންތޯ ރައީސް މައުމޫން ވަނީ ރައީސް ނަޝީދު އަރިހުން ސުވާލު ކުރައްވައިފައެވެ. އަދި މިކަމުގައި ބުއްދި ގަބޫލްކުރެވޭ ޖަވާބެއް ދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ. 30 އަހަރުގެ ތެރޭގައި އައި ހުރިހާ  އިންތިހާބެއް އޮޅުވާލިއިރު 2008 ގެ އިންްތިހާބު  އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ގަބޫލް ކުރާ ޖަވާބެއް ދެއްވަބައްލަވަ" ރައީސް މައުމޫން ވިދާޅުވިއެވެ.

ގާނޫނު އަސާސީއަށް ހުށަހަޅައިފައިވާ ބޮޑު އިސްލާހާ ގުޅިގެން އަނެއްކާވެސް ސިޔާސީ މަޝްރަހު މިވަނީ ހޫނުވާން ފައްޓާފައެވެ. މިކަމާ ގުޅޭގޮތުން ސަރުކާރުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކެރަފާ ނަޝީދު އާއި ބެހޭގޮތުން ޣައްސާނު އެ ވިދާޅުވީ ތެދެއް. އެއީ ހަމަ އެ ކަލޭގެ ކަންކުރަމުންދާ ގޮތް…..!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *