ވިންދުތައް ތޮޅިލައިފިޔޭ ޒިކުރާތަކެއްގެ ސަލާމުގައި
ނިންޖަކުން ހޭލައިފިޔޭ ލޯ އިރު އެ ދިން އިލްހާމުގައި
ލޭތަ! ނޫނީ ޝަރަފުހޭ ގައުމަށްޓަކައި އޮތް ހައްގަކީ
ވޭތުކޮށްލުން ވާޖިބީ އުމުރާ ޒަމާން އިތުބާރުގައި
ނޫރަކަށްވުރެ ފެންނަ ހުރިހާ ކާއިނާތުގެ ދައުރުވާ
ނޫރުއިސްލާމީ ވިދުން ގަދައޭ ދިވެހި އިހުސާސުގައި
ކަނޑިތަކާ ބަޑިއަށްވުރެން މާ ބާރުގަދަ ހަތިޔާރަކީ
ދަނޑިވަޅުން ގައުމިއްޔަތުގެ ލޯތްބޭ ދިރޭ އިހުސާނުގައި
ދިވެހިވަންތަބަހޭ މިގައުމުގެ މޭމަތީގެ މެޑެއްޔަކީ
ރިވެތިކޮށް އޮފުދާރުކޮށްލުން ފަޚުރަކީ އިޚުލާސުގައި
ހުރުމަތުގެ ބެންކަށް ޚަޒާނާ ކުރެވިފައިވާ މުދަލަކީ
ތަރިކަ އާއި ސަގާފަތޭ އަގުބޮޑު ދިވެހި އިންފާރުގައި
ހުވަނދަކުން ނެތް އެފަދައެއް ގައުމީ ފަޒާގައި މަތުރަމުން
ހުވަނދުކޮށްލުން ލާޒިމީ ނޭވާދިވެހި މިޝިޢާރުގައި
ދޫކުރުން ދިވެހީންގެ ޒާތަށް ހުއްދަ ނުކުރާ ޝަރަފަކީ
ރޫހަކީ ދީނާއި ގައުމޭ ޢަމަލުގައި އިގުރާރުގައި
