އިރުއަރައިގެން ހުޅުވަމުންލޯ މެދުއުޑަށް ހުރެ އާދެޔޭ
ފިރުކެމުން ހުޅަނގަށް އެ އިރު ގޮސް ފެނުތެރަށް ލޯމެރިދެޔޭ
ހޫނުގައި ދުނިޔޭގެ ނޭވާ ދޫކުރާ ވައި އާވިތައް
ހޭނެމުން ފިންޏަށް ފަހުން ކަރުނަށްވެ ދެލޮލުން އޮހިދެޔޭ
ހިރަފުހުން ޖައްވުގެ އުޖާލާ މޫނު ފަރުދާކޮށްލުމުން
ކެރިފޮދެއްގެ ދުލުން ވެހޭ ލޮވެ ސާފު ކޮށްލައި ވެސް ދެޔޭ
ކަޅުފަހާ ކިސަޑާ ވެލީގައި ނޭނގުމާ އެނގުމުގެތެރޭން
ވަޅުލެވޭ އޮށްޓަރުގެ ތެރެއިން މަލުގެ ތުން ހުޅުވައިދެޔޭ
ވެއްޓެއޭ މާ ގަސްގަހުން ކުލައާ ވަހާ ސިފަ ގެއްލެމުން
އޮށްޓަރެއް އެހެނަސް އަލުން އެމަލުން ފަހު އެބަ ބޯދެޔޭ
ފޮނިބޮމުން މާމަލުގެ، ކުޅަނދުރު އެއްކުރާ އެ ހަތާގަނޑަށް
ސޮނިފޮދާ ކުޅުފޮދުގެ ފޮނި މާމުއި އެއިން ހޯދައިދެޔޭ
ވިނަކޮޅެއް ކާލާހަދައިގެން ފެންފޮދެއް ބޮއިލާ ފަހުން
ގިނަ އެތައް ފައިދާތަކާ އެކު ކިރުގެ ކޯވަރު އޮހިދެޔޭ
ބިންމަތީގައި ހުންނަ ރުއް ގަސް އަތްމަތިން ކޮށަމުން މަށާ
ބަންނަ ކުދި ބޮޑު އުޅަނދުތައް ހުރެ ފެންމަތީގާ ދުވެދެޔޭ
ކަންތަކެއް އެބަހުރި މިހެން ބުނެ ގުނެ ކިޔާ ހިމެނުން ނުވާ
އަންތަރީހުގެ ސިކުނޑި ހައިރާން ކަމުގެ ލޯ ހުޅުވައިދެޔޭ
ހޭއަރާކަށް ފަހެ ނުވޭހޭ މިހިރަ މިހިރަ އިޝާރަތަށް
ރޭދުވާލުގެ ދަތްތަކުން ތިޔަ އުމުރު އެބަ ހަފަމުންދެޔޭ
ހައްދަވާ ފުރިހަމަ ކުރެއްވެވި މިހިރަ އިންސާނާ އަޅޭ
ވައްދަވާ ދުވަހެއް ބިމަށް ތިއްބާ މިހެން އެބަ އާދެޔޭ

One Response
ވަރަށް ފުރިހަމަ.