Support Us

ބްރިޖުގެ ލޭނުގެ އަދަދަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވާނެ: ރައީސް

ސިނަމާލެ ބްރިޖުގައި ހިމެނުމަށް ކަނޑައެޅި ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ރައީސް ޑރ. މުއިއްޒު ހުންނެވި އިރު، ސިނަމާލޭގެ ބްރިޖްގެ ލޭނެއް މަދުވެގެން ރައީސް ޔާމީން ވަރަށް ބޮޑަށް ކޯފާވެވަޑައިގެން އެއްޗެހި ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކައާ ގުޅިގެން، ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް މިރޭ ވިދާޅުވީ އެ މަޝްރޫއުގައި ހައުސިން މިނިސްޓްރީ ބައިވެރިކޮށްފައި ވަނީ 2014 ގެ އޮކްޓޯބަރު އަދި ނޮވެމްބަރު ހިސާބުގައި ކަމަށެވެ.

އެ މަޝްރޫއު އަމަލީ ގޮތުން ހިންގުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ފޮނުވި ސިޓީ ހައުސިން މިނިސްޓްރީއަށް ލިބިފައިވަނީ 2014 ސެޕްޓެމްބަރުގައި ކަމަށާއި އެ މަޝްރޫއު ހިންގަން ހައުސިން މިނިސްޓްރީއާ ހަވާލުކުރި ފަހުން އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ޕްރީ ފީސިބިލިޓީ ސްޓޭޖާއި ފީސިބިލިޓީ ސްޓޭޖާއި ކޮންސެޕްޓް ޑިޒައިނިން އާއި ޑީޓެއިލް ޑިޒައިނިން މި ހުރިހާ މަރުހަލާއެއްް ދިޔައީ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްވެސް އިރެއްގައި ލޭނުގެ އަދަދު ބަދަލުވެފައެއް ނެތް. އެންމެ ފުރަތަމަ ވެސް އަޅުގަނޑާ ހަވާލުވި ހިސާބުން އޮތީ ހަމަ ކޮޅަކަށް ދެ ލައިން އަދި ސައިޑްގައި ބައިސްކަލް ދުއްވާ ލޭނެއްގެ ގޮތަށް ކަނޑައެޅި ބައި އެއޮތީ ހިމަނާފައި. އިތުރުވި މީޓަރެއް ވަރު. އިތުރު ކުރީީ ހަމަ ހެވީ ވެހިކަލްތަކަށް ކަނޑައަޅާފައި އޮތް ލޭން އިތުރަށް ފުޅާކޮށްލަން. ފުރަތަަަމަ އޮތީ 20 ދެން އޮތީ 21 (މީޓަރު)" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓްރީއާ އެ މަޝްރޫއު ހަވާލުކުުރުމުގެ ކުރިން ލޭން އިތުރު ކުރަން ނިންމާފައިވާ ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށާއި ހައުސިން މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ސިޓީއެއްގައި އަދި ކުރެހުމެއްގައި ވެސް އިތުރު ލޭނެއް ހިމަނާފައިވާކަން އެނގެން ނެތް ކަމަށެވެ.

އެފަދަ ހުރިހާ މަޝްރޫއެއްގެ މަޝްވަރާތައް ކުރަމުން ގެންދަނީ  ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް (އީވައިސީ)ގައި ކަމަށާއި އެމަނިކުފާނަކީ އެއްވެސް އިރެއްގައި އެ ކައުންސިލްގެ މެމްބަރެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަޝްރޫއު ހައުސިން މިނިސްޓްރީއާ ހަވާލުވި ފަހުން އެ ކައުންސިލަށް ގެންދިޔައީ އެ މަޝްރޫއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްް ކަމަށާއި އޭގެ ކުރިން ހިނގާފައިވާ ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގެންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ހައުސިން މިނިސްޓްރީއާ މަޝްރޫއު ހަވާލުވި ފަހުނެއް އެެއްވެސް ބަދަލެއް ނާދޭ. އެއޮތީ ހަދައި ނިމިފައި. އޭރުގައި ކަނޑައެޅި ގޮތަށް އީވައިސީން… ހަތަރު ސްޓޭޖްގައި އުނި އިތުރެއް އައިސްފައެއް ނުވޭ ލޭންގެ އަދަދަކަށް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެ މަޝްރޫއުގެ މަސައްކަތުގައި ރެއާއި ދުވާލު އުޅުއްވީ ވީހާވެސް ރަނގަޅަކަށް ނަތީޖާ ނެރެދިނުމުގައި ކަމަށާއި މަޝްރޫއު ނިމެން ގާތްވެފައި ވަނިކޮށް ބްރިޖް ކޮމިޓީއަށް ރައީސް ޔާމީން އެމަނިކުފާނު ގެންދެވި ކަމަށާއި އަދި ސައިކަލް ދުއްވަން ވަކި ލޭނެއް އޮންނަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށާއި އެގޮތަށް ވަކި ލޭނެއް އެހާ ހިސާބަށް މަޝްރޫއު ގޮސްފައި އޮއްވައި އިތުރުކުރަން ވަރަށް އުނދަގޫވާނެ ކަމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވި ބައިސްކަލް ދުއްވަން ކަނޑައެޅި ތަން ބަދަލުކުރާށޭ ސައިކަލް ދުއްވާ ލޭނަކަށް. ދެން އަޅުގަނޑުމެން އަބަދު ވެސް ރައީސް ވިދާޅުވި ގޮތަކަށް އެކަން ކުރެވޭތޯ ބަލާނެ. އަޅުގަނޑުމެން ފިޒިކަލީ އެތާ މައްޗަށް ސައިކަލް އަރުވައިގެން ވެސް ބެލިން،" ރައީސް ވިދާޅުވި އެވެ.

ބްރިޖްގެ ދެ ފަރާތުގައި އޮތް ތަނަކީ ސައިކަލް ދުއްވަން ހަދާފައި އޮތް ތަނެއް ނޫން ކަމަށާއި އެތަން ޑިޒައިން ކޮށްފައި އޮތީ ވެސް ސީދާ ބައިސްކަލް ނޫނީ ހިނގުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ޗައިނާ ސަރުކާރާ ވާހަކަދައްކައިގެން ވެސް އެކަން އެގޮތަށް ކުރެވިދާނެތޯ އެމަނިކުފާނު ބެއްލެވި ކަމަށާއި އެހެން ނަމަވެސް އެހާ ލަސްވެފައި އޮތީމަ ސައިކަލަށް ވަކި ލޭނެއް ކަނޑައެޅެން ނެތް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް އޮފީހުގައި މީހުން ހިނގަން އޮންނަ ކޮރިޑޯއެއްގެ ތެރޭގައި ސައިކަލެއް ގެނެސް ވައްދައިގެން ދުއްވޭތޯވެސް ބަލައި އެކި ގޮތްގޮތަށް ބްރިޖް ކޮމިޓީން ބެލި ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަން އެގޮތަށް ނުވާނެކަން އެނގޭތީ އެކަން އެގޮތަށް ނުވާނެކަން ރައީސް ޔާމީނަށް ދެންނެވި ކަމަށާއި އޭރު އޮތީ ބްރިޖް ހުޅުވާ ތާރީހު ވެސް ކަނޑައަޅައިފައި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެހެން އެކަން އޮއްވައި މަޖިލީސްގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ފަދައިން، ހުކުރު ދުވަހެއްގެ މެންދުރުފަހު ސަކީނާ މަންޒިލުގައި ހުންނަ ޕާޓީ އޮފީހަށް އޭރުގެ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލީސް މެމްބަރުންނާއި ޕާޓީގެ އިސްވެރިން ހާޒިރުކުރި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގާތްގަނޑަކަށް ސާޅީހަކަށް މެމްބަރުންގެ ހާޒިރުގައި، އެ ބްރިޖް ނުހުޅުވޭނެ ކަމަށާއި ސައިކަލަށް ވަކި ލައިނެއް ނެތި ބްރިޖް ހުޅުވީމާ އެކްސިޑެންޓްތައް ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެހާ ދުވަހު އޭގައި އުޅެފައި އަދި، މަހެއްހާ ދުވަހު ބައިސްކަލް ލޭން ބަދަލުކުރަން އުޅެފައި ހުރި މީހަކަށްވާތީ އަޅުގަނޑު ގެންދިޔައީ ކިޔައިދެމުން. ދެން (ރައީސް ޔާމީން) ވިދާޅުވި ކީއްވެހޭ ވަކި ލޭނެއް ނެތީ. އަޅުގަނޑު ދެންނެވިން އަޅުގަނޑާ މަސައްކަތް ހަވާލުކުރި ފަހުން އެއްވެސް ބަދަލެއް ނާދެއޭ އޭގެ ކުރިން އޮތް ގޮތެއް ނޭނގެއޭ…" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެހުރިހާ ވާހަކައެއް ކިޔައިދެއްވުމުން ވެސް ބްރިޖް ނުހުޅުވާނެ ކަމަށާއި ބްރިޖް ހުޅުވުން ކެންސަލް ކުރެއްވުމަށް ވިދާޅުވުމަށްފަހު ރައީސް ޔާމީން މީޓިން ނިންމާލެއްވި ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"އެ ވާހަކައިގެ ތެރޭގައި އަޅުގަނޑަށް އަސަރެއް ކުރި. އަސްލު (އަބްދުއްރަހީމް) އެ ވިދާޅުވީ ރަނގަޅަށް ރޮވުނު ހަމަ…" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ޔާމީނާ އެކު ބްރިޖްގެ މައްސަލާގައި ހިނގައިދިޔަ އެ ކަންކަމަށް ފަހު ވެސް ރައީސް ޔާމީނަށް އެމަނިކުފާނު ގުޅުއްވި ކަމަށާއި އެކަމާ މެދު އަލުން ވިސްނާ ވަޑައިގަތުމަށާއި ބްރިޖް ނުހުޅުވައިފިއްޔާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ވެސް އަސަރު ކުރާނެ ކަމަށް ދެންނެވުމުން ސްޕީޑް ބްރޭކާސް ލާފައި އޭރު އޮތް ގޮތަށް ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން ނިންމެވީ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިނާކުރި ބުރިޖެެކެެވެ. އެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި ރަސްމީކޮށް ހުޅުވައިފައިވަނީ 30 އޮގަސްޓް 2018 ގަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *