ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ފެނަކައިން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ ދަށުން، ދ. ކުޑަހުވަދޫގައި ސްމާޓް ކަރަންޓު މީޓަރު ހަރުކޮށް، ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
މި ފެށުނު ޚިދުމަތުގެ ދަށުން ބޭނުންކުރެވޭ ސްމާޓް މީޓަރަކީ، "ކުރިން ބޭނުން ކުރަމުންދިޔަ އެނަލޮގް މީޓަރުތަކާއި ޑިޖިޓަލް މީޓަރުތަކުގެ ބަދަލުގައި މުޅީން އޮޓޮމޭޓްކުރެވި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެ މީޓަރެއް" ކަމަށް ފެނަކައިން ބުނެއެވެ.
ކުޑަހުވަދޫގައި މި ޚިދުމަތް ފެށުމަށް ރޭ ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިޤް އިބްރާހީމެވެ. ސްމާޓް މީޓަރުގެ ޚިދުމަތާއެކު، ފެނަކައިން ވަނީ ސްމާޓް މީޓަރުގެ މޯބައިލް އެޕްލިކޭޝަން ފީޗާރވެސް އިފްތިތާޙްކޮށްފައެވެ. މިއީ ފެނަކައިގެ ސްމާޓް މީޓަރުތަކުގެ ޚިދުމަތް ލިބޭ ފަރާތްތަކަށް، އަމިއްލަ ފޯނުން، ގޭގައި ކަރަންޓު ހިނގާ މިންވަރު ދުވަހުން ދުވަހަށް ބަލައި މޮނިޓަރ ކުރެވޭނެ އެޕްލިކޭޝަނެކެވެ.

ސްމާޓް މީޓަރު ޕްރޮޖެކްޓުގެ ދަށުން ރަށުގައި ބޭނުންކުރާ ހުރިހާ ކަރަންޓު މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކޮށް ނިމި ކުޑަހުވަދޫގައި މި ޚިދުމަތް ރޭ ދޭން ފެށިއިރު، ރާއްޖޭގައި ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއްގައި މި ޚިދުމަތް ދޭން ވަނީ ނިންމައިފައެވެ. އެގޮތުން މިހާރުވެސް ދ. އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ގިނަ އަތޮޅުތަކެއްގައި މި ޕްރޮޖެކްޓްގެ ދަށުން ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފެނަކައިން ދަނީ ވަރަށް ބާރު ސްޕީޑުގައި ކުރަމުންނެވެ. އޭގެ ތެރޭގައި، ހ.ދ، ބ، މ، ފ، ތ އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީގައިވެސް މި ޕްރޮޖެކްޓް ހިންގަމުން އެބަދެއެވެ. އޭގެ ތެރެއިން ދ. އަތޮޅާއި ފުވައްމުލައް ސިޓީގައި، ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި ކަމަށް ފެނަކައިން ބުނެއެވެ.
ޗައިނާގެ ޑޮންފަން ކުންފުނީގެ އުފެއްދުމެއް ކަމަށްވާ މި މީޓަރަކީ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، (އިންޓަރނޭޝަނަލީ ސަރޓިފައި ކުރެވިފައިވާ) ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރަމުންދާ މީޓަރެކެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤަވައިދުތަކަށް ފެތޭ މި ސްމާޓް މީޓަރު ޓެސްޓު ކުރެވޭނެ ވަޞީލަތްތައް ފެނަކައިގައި ވަނީ ޤާއިމްކުރެވިފައެވެ.
"ސްމާޓް މީޓަރ ޕްރޮޖެކްޓް ފެށުމަށް 2022 ވަނަ އަހަރު ކޮންޓްރެކްޓް ކުރެވިފައިވީ ނަމަވެސް، މި މަޝްރޫޢު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތެއްގައި ދެވިފައި ނުވާތީ، މަޝްރޫޢުގެ މަސައްކަތް އޮތީ ހުއްޓިފައެވެ. ނަމަވެސް އައު މެނޭޖްމަންޓާއެކު ފެނަކައިން ޢަމާޒު ހިފައިފައި ވަނީ، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި، ރާއްޖޭގައި ފެނަކައިން ޚިދުމަތްދޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކޮށް، ފެނަކައިން ދޭ ޚިދުމަތްތަކަށް އޮތް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރަށް ކަށަވަރު ކުރުމަށެވެ." ފެނަކަގެ ބަޔާނެއްގައި ވެއެވެ.



advertisment

