ކޮވިޑް19 ޖެހިގެން މިއަދު 133 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި 133 މީހުންގެ ތެރެއިން 121 މީހުންނަކީ މާލޭ ސިޓީން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ. އަނެއް 12 މީހުންނަކީ އެކިއެކި ރަށްރަށުން ޕޮޒިޓިވްވެފައިވާ މީހުންނެވެ.
ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ 133 މީހުންގެ ތެރޭގައި ހިމެނެނީ 103 ދިވެހިންނާއި ބަންގްލަދޭޝްގެ 15 މީހުންނާއި އިންޑިއާގެ އަށް މީހުންނާއި އެމިރޭޓްސްގެ ދެ މީހުންނާއި އިނގިރޭސިވިލާތުގެ ދެ މީހުންނާއި ސްރީލަންކާގެ ދެމީހުންގެ އިތުރުން ނޭޕާލްގެ މީހެކެވެ.
ކޮވިޑް19 ރާއްޖެއިން 6912 މީހުންނަށް ޖެހިފައިވާއިރު 2588 އެކްޓިވް ކޭސް ހިމެނެ އެވެ. އަދި ހޮސްޕިޓަލްތަކުގައި 171 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1458 މީހަކު ހިމެނެ އެވެ. ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 27 އަށް އަރާފަ އެވެ.
ކޮވިޑް19 ޖެހޭ މިންވަރު މި އޮގަސްޓް މަހު ދަނީ އިތުރުވަމުންނެވެ. އެންއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި މި އޮގަސްމަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ އެވެ. އަދި އެ ސެންޓަރުން އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.



advertisment