ދިވެހިރާއްޖޭގައި ހިނގަމުންދާ ރިޔާސީ ނިޒާމުގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް އިސްލާހެއް ހުށަޙަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް ޖާބިރު މިއަދު ހުށަހެޅުއްވި އިސްލާހުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބޭނުންވަނީ ސީދާ ރިޔާސީ ނިޒާމުގެ ވެރިކަމެއް ކުރަންޖެހޭ ކަމަށް މުތުލަގަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން ރާއްޖޭގައި ހިނގަމުން އަންނަ ވެރިކަމުގެ ނިޒާމުގައި ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިނގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުންދާތީވެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
"ވެރިކަމުގެ ނިޒާމް ބަދަލުވިޔަސް ރައްޔިތުންގެ އަސާސީ ހައްގަކަށް އެއްވެސް އުނިކަމެއް ނާންނާނެ. ބަރުލަމާނީ އަށް ބަދަލުވުމުން އޭރުންވެސް ރައީސުލްޖުމްހޫރިއްޔާ އަކާއި ރައްޔިތުންގެ މަޖިލިހެއް ރައްޔިތުން އިންތިހާބުކުރަންޖެހޭނެ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް އިސްލާހު ހުށަހެޅުއްޅީ ރާއްޖޭގައި ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު ވެރިކަން ހިންގަމުން ދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކެއްގެ މައްޗަށް ކަމަށާއި ވެރިކަމުގެ ނިޒާމް ބަދަލުވެއްޖެނަމަ ވެރިކަން ލިބިގެން ދާނީ ބޮޑުވަޒީރަށް ކަމަށާއި އަދި ބޮޑުވަޒީރު ވެގެންދާނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރާ ޕާޓީގެ ލީޑަރަށް ކަމަށެވެ.
ބޮޑުވަޒީރަށް ވެސް ވެރިކަން ކުރެވޭނީ ވިދިވިދިގެން ދެ ދައުރު ކަމުގައި އިސްލާހުގައި ވާއިރު ބޮޑުވަޒީރުގެ ނައިބުންގެ ގޮތުގައި ހަތަރު ބޭފުޅަކު ކަނޑައެޅުމަށްވެސް ވަނީ އިސްލާހުގައި ވެއެވެ. އަދި މީގެ އިތުރަށް ރައީސުލްޖުމުހުރިއްޔާގެ މަގާމަށް ހޮވިވަޑައިގެންނަވާ ބޭފުޅަކު އިންތިހާބު ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގެވޭ ސިއްރު ވޯޓަކުން ކަމަށް ވެސް ބުނެފައިވެއެވެ.
ސިޔާސީ ލީޑަރުންގެ ތެރެއިން ފާޅުގައި މިހާތަނަށްވެސް ބަރުލަމާނީ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރައްވާފައި ވަނީ އެމްޑީޕީގެ ރައީސް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖެއަށް އެންމެ ކަމުދާ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ އެކަމަށް ރައީސް ނަޝީދު ވަކާލާތު ކުރައްވައެވެ. ނަމަވެސް ޖާބިރުގެ މި އިސްލާހާއި ގުޅިގެން ނަޝީދުގެ ފަރާތްޕުޅުން މިކަމާ މެދު ދެކިވަޑައިގެންނަވާ ވަކި ގޮތެއް ހާމައެއް ނުކުރައްވައެވެ.



advertisment