ކާރިސާތަކުގައި ސްޓެލްކޯ އިން އަމަލުކުރާނެ ގޮތްތައް ދެނެގަތުމަށް އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލުކޮށްފިއެވެ.
މި ކަމާ ބެހޭ ގޮތުން ސްޓެލްކޯއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން، ޗީފް އެގްޒެކެޓިވް ހިސާން ޙަސަނެވެ.
މި ފަހުމުނާމާގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަންތައް
• ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވައިފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީވުން.
• ސްޓެލްކޯގައި މިހާރު އެކުލަވާލައިފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކުރުން. އެގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި، ކުއްލި ޙާލަތު އިޖާބައިގެ ޤާބިލްކަމުގެ އޮނިގަނޑު އަދި (ކްރައިސިސްގެ ވަގުތުގައި) ޚިދުމަތް ކުރިއަށްގެންދިއުމުގެ އެނަލިސިސް އެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަތުން.
• ސްޓެލްކޯގެ އައު ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ޤާއިމްކުރުން. އެގޮތުން ނުރައްކާތަކާ ގުޅިގެން އަމަލުކުރާނެ ގޮތާއި ސްޓެލްކޯގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވޯކެއް އެކުލަވައިލުން.
• ސްޓެލްކޯގައި ކއެމަރޖެންސީ ރެސްޕޮންސް ޓީމެއް ޤާއިމްކޮށް، މި މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އެހީވުން.
• ކުއްލި ޙާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ އެކްސަސައިޒްތައް ކުރިއަށްގެންދިޔުން.
• ކުއްލި ޙާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް އަދާހަމަކުރުން.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އަޅުގަނޑުމެންނަކީ އަބަދުވެސް ޤައުމީ ކާރިސާތަކުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންނަށް މިފަދަ ކާރިސާތަކެއްގައި އަމަލުކުރާނެ ގޮތެއް މިހާތަނަށް އެސްޓެބްލިޝްވެފައި ނެތް ކަމަށެވެ.
"ޤައުމީ ކާރިސާތަކުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައެއް ނެތް. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި އަޅުގަނޑުމެންގެ ތެރޭގަ ހިނގާ ކަންތައްތަކުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައި. ޤައުމީ ފެންވަރެއްގައި ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިއްމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ."
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގައި ވަރަށް ފުޅާކޮށް ކުންފުނިތަކުގެ ދައުރު ވަނީ ބަޔާންކުރެވިފައި ކަމަށެވެ. އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާ އެކީގައި ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކެއް އެބަހުރި ކަމަށާއިަސައްކަތްތަކެއްވެސް ފާހަގަކުރެވިފަ އެބަހުރި ކަމަށެވެ.
"އެކަމަކު މީގެ ކުރީގެ އަހަރުތަކުގައި މިފަދަ މަސައްކަތްތައް ކުންފުނިތަކާ އެކީގައި އަޅުގަނޑުމެންނަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގައި އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި ކުރުމަށް ވަނީ ރާވައިފައި. މިގޮތުން ސްޓެލްކޯއަކީ ކްރިޓިކަލް ޚިދުމަތެއް ފޯރުކޮށްދެއްވާ ކުންފުންޏަކަށް ވާހިނދު މި ޚިދުމަތަކީ ކާރިސާގެ ވަގުތުގަވެސް މުޖުތަމަޢުއަށް، ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ޚިދުމަތަކަށް ވާއިރު މިކަން ކާރިސާގެ ވަގުތުގަވެސް ކުރެވޭނެ ގޮތްތައް ރާވައި ހިންގުމުގައި އަދި މީގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ދައުރު ފުޅާކޮށް، ސްޓެލްކޯގެ މުވައްޒަފުންނަކީ ކާރިސާތަކަށް ވިލުންތެރި، މި މަސައްކަތުގައި ޑިޒާސްޓަރ މެނޭޖްމަންޓްއާ އެކީގައި އެއްކޮށް މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފަވާ މުވައްޒަފުންތަކެއްގެ ގޮތުގަ ތައްޔާރުކުރުމަށް ވަނީ ރޭވިފައި."



advertisment

