އެއީ ހިތްދަތި ވަގުތުކޮޅެކެވެ. ހިތާމައިގެ ވަގުތުކޮޅެކެވެ. ތަފާތު އިހުސާސްތަކެއް ކުރުވަމުންދިޔަ ވަގުތުކޮޅެކެވެ. ކުޅިވަރުގެ ދަނޑުގައި ބައިގަރުނަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، އަދި ގައުމީ ފެންވަރުގެ ހުރިހައި އިނާމަކާއި މެޑަލެއް ހާސިލް ކުރައްވައިފައިވާ ކުރީގެ މަޝްހޫރު ފީފާ ރެފްރީ މައްލާ ޅަތުއްތުގެ ސަންދޯއް ވަޅަށް ތިރިކުރަމުންދިޔަ ވަގުތުކޮޅެވެ. ގަލޮޅު ސަހަރާއެވެ. އެއީ އުމުރުން 76 އަހަރުގައި، އަބަދަށްޓަކައި ލޯމަރާލި މައްލާގެ ހަޔާތުގެ ބޮޑު ބައެއް އެ ދަނޑެއްގައި ހޭދަކުރެއްވި ގަލޮޅު ރަސްމީ ދަނޑާ އިންވެގެން ހުރި ސަހަރާއެވެ.
މައްލާގެ 52 އަހަރުގެ ކުޅިވަރުގެ ކެރިއަރު ފެށިގެން އައީ ވެސް ގަލޮޅު ދަނޑުންނެވެ. އެ ދަނޑުގައި އޭނާ މޮޅަށް ފުޓުބޯޅަ ކުޅުއްވިއެވެ. ހޮކީ ކުޅުއްވިއެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ބެޖު، ފީފާ ބެޖު ޖައްސަވައިގެން ކުޅަދާނަކަމާއެކު ރެފްރީކަން ކުރެއްވިއެވެ. މެޗު އެސެސް ކުރެއްވިއެވެ. އަދި ފަހުން ރެފްރީން ތަމްރީނު ވެސް ކުރެއްވިއެވެ.
ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޓްރިވެންޑްރަމް ހޮސްޕިޓަލެއްގައި ބުރާސްފަތި ދުވަހު އަވަހާރަވި މައްލާގެ ހަށިކޮޅު މާލެ ގެނައީ މިއަދު މެންދުރުފަހުއެވެ. މައްލާގެ މޫނުފުޅު ދެއްކުން އޮތީ އިސްލާމީ މަރުކަޒުގައެވެ.

މައްލާގެ މޫނުފުޅު ދެކެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެ ކަނބަލުން އިސްލާމީ މަރުކަޒަށް ވަޑައިގެން، އާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވިއެވެ.
ރައީސްގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ސައްތާރާއި ކުޅިވަރާ ބެހޭ މިނިސްޓްރީގެ އިސް ބޭފުޅުން ވެސް މައްލާގެ މޫނުފުޅު ދެކެވަޑައިގަތުމަށް ވަޑައިގަތެވެ. އަދި ކުޅިވަރު އާއިލާގެ، ޚާއްސަކޮށް ފުޓުބޯޅަ އާއިލާގެ ވަރަށް ގިނަ ބަޔަކު ޒިޔާރާތްކުރިއެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ އިހާއި މިހާރުގެ ކުޅުންތެރިންނާއި ރެފްރީންނާއި އެފް.އޭ.އެމްގެ ކުރީގެ ވެރިން ވެސް ހިމެނެއެވެ. އަދި އާންމުންގެ ވަރަށް ގިނަ ބަޔަކު ހިމެނެއެވެ.

މައްލާގެ ޖަނާޒާގެ ހުރިހައި މަރުހަލާއެއްގައި ކުޅިވަރާ ބެހޭ ވަޒީރު ރާފިއު އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. އިސްލާމީ މަރުކަޒުން ފެށިގެން ގަލޮޅު ސަހަރާގައި ވެސް އެ މަނިކުފާނު ހަރަކާތްތެރިވެވަޑައިގަތެވެ. މައްލާގެ ސަންދޯއް ހިއްޕަވައިގެން ވެސް އެ މަނިކުފާނު ހުންނެވި އެވެ.

މައްލާގެ ކަށުނަމާދު ކުރުން އޮތީ އިސްލާމީ މަރުކަޒުގައި މިއަދުގެ މަޣުރިބު ނަމާދަށްފަހު އެވެ. އިމާމުވެ ކަށުނަމާދު ކުރެއްވީ އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚު މުހައްމަދު ލަތީފެވެ.
ކަށުނަމާދަށްފަހު ގަލޮޅު ސަހަރާއަށް ސަންދޯއް ގެންދިޔައިރު މުޅި ސަހަރާތެރެ ވެސް އޮތީ ފުރިފައެވެ. ގަލޮޅު ސަހަރާއަކީ އިއްޒަތްތެރިންނާއި ޚާއްސަ ބޭބޭފުޅުން ވަޅުލުމަށް ޚާއްސަކޮށްފައި އޮންނަ ސަހަރާއެކެވެ.

މައްލާ އަވަހާރަވިއިރު އަނބިކަނބަލަކާއި ހަތް (އޭގެ ތެރޭގައި ހަތަރު އަންހެން) ބޭފުޅުން އެބަތިއްބެވިއެވެ.
"ތުއްތުބޭގެ ޖަނާޒާގެ ކަންތަކުގައި ސަރުކާރުން ހުރިހައި ކަމެއް ވެސް ވަރަށް ފުރިހަމައަށް ކޮށްދެއްވީ. ސީދާ ރައީސް ޑރ. މުއިއްޒު ގެންދެވީ ހުރިހައި ކަމެއް ވެސް ވަރަށް ގާތުން ބައްލަވަމުން. ހިތާމައިގެ މި ދަނޑިވަޅުގައި ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ،" މައްލާގެ އާއިލީ މެމްބަރަކު ބުންޏެވެ.
ކެންސަރު ބައްޔަށް މައްލާ ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. މީގެ ކުރިން ވެސް ދެތިން ފަހަރަކު އިންޑިއާގައި ފަރުވާ ހޯއްދެވި މައްލާ މި ފަހުން އިންޑިއާ އަށް ވަޑައިގަތީ މި މަހު 11 ގައެވެ.
ކުޅިވަރުގެ ދަނޑުގައި މައްލާ ވަނީ 52 އަހަރު ހިދުމަތް ކުރައްވައިފައެވެ. އޭނާގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ އިނާމުތަކަކާއި މެޑަލްތަކެއް ދެއްވައިފައެވެ.
ސްކޫލްގައި އުޅުއްވަމުން، 1969 ވަނަ އަހަރުން ފެށިގެން ކުޅިވަރު ދަނޑަށް ނުކުންނެވި މައްލާއަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ކުޅިވަރަށް ހިދުމަތްކުރުމުގެ ހިތްވަރުދިނުމުގެ އިނާމެވެ. އެއީ 1990 ގައެވެ. އޭގެ ފަހުން އެފް.އޭ.އެމްގެ ރައީސްގެ "ޕްރެޒިޑެންޝަލް އެވޯޑް" 2018 ގައި މައްލާއަށް ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ "ލައިފްޓައިމް އެޗީވްމަންޓް އެވޯޑް" އާއި ކުޅިވަރަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި 43 އަހަރު ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުން ލިބިވަޑައިގެންނެވި "ދައުލަތުގެ ޝަރަފު" އެވޯޑް ފާހަގަކުރެވެއެވެ. މި ފަސް އެވޯޑާއެކު، ގައުމީ ފެންވަރުގައި ދޭ ހުރިހައި އެވޯޑެއް ލިބިވަޑައިގެން، ދިވެހި ތާރީހުން މައްލާ ޖާގަ ހޯއްދަވައިފައި ވަނީ ގައުމީ ފެންވަރުގެ ހުރިހައި އެވޯޑެއް ހާސިލްކުރެއްވި ފުރަތަމަ ޝަހުސިއްޔަތަށެވެ.

މާތްﷲ، މަރުހޫމު މައްލާއަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށިއެވެ. އަދި ހިތާމައިގެ މި ދަނޑުވަޅުގައި އާއިލާއަށް ކެއްތެރިކަން ދެއްވާށިއެވެ. އާމީން!



advertisment