Support Us

ހަތަރު މަޝްރޫއެއް ނިންމަން ބަޔަކު ހޯދަން ފެނަކައިން އިއުލާންކޮށްފި 

ފަށައިފައިވާ ހަތަރު މަޝްރޫއެއް ނިންމަން ބަޔަކު ހޯދަން ފެނަކައިން އިއުލާންކޮށްފި އެވެ.

މިގޮތުން ވަކި ވަރަކަށް މަސައްކަތް ކޮށްފައިވާ ށ. މާއުނގޫދޫގެ އޮފީސް އިމާރާތުގެ މަސައްކަތާއި، ހއ.ދިއްދޫ، ޏ.ފުވައްމުލަށް އަދި ހދ. ކުޅުދުއްފުށީގައި އިމާރާތްކުރަމުން ގެންދާާ އިންޖީނުގެ ތަކުގައި ނުނިމި ހުރި މަސައްކަތްތައް ކުރާނެ ބަޔަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.

އިންހައުސްކޮށް ނުވަތަ ފެނަކައިގެ މުވައްޒަފުން ބޭނުންކޮށްގެން ތަކެތި ކުއްޔަށް ނަގައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތްތައް ކުރުމުން ބޮޑު ތަނުން ޚަރަދު ކުޑަވެފައި ލުއިފަސޭހަވެގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

"ފެނަކައިން ބަޔަކާ ހަވާލުކޮށްގެން ހިންގުމަށް އިއުލާނުކުރި ހަތަރު މަޝްރޫއަކީ ވެސް މިދިޔަ މެނޭޖްމަންޓުން އިންހައުސްކޮށް ނުވަތަ ފެނަކައިގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށް ގެންދަމުންދިޔަ ހަތަރު ޕްރޮޖެކްޓެވެ. އެހެންނަމަވެސް އެކަން ކޮށްފައިވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް، ނުއަގުގައެވެ." ފެނަކައިން ނެރުނު ބަޔާނެއްގައި ވެއެވެ.

"ފެނަކަ އަކީ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ މެނޭޖްމަންޓުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންނަށް އެދެވޭ ހިދުމަތެއް ދެވޭ ކުންފުންޏަކަށް، ފެނަކަ ވެގެންދިއުމަށް ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް ފާހަގަކުރެއެވެ."