Support Us

މިއީ ނީތާ އާއި މުކޭޝް އަމްބާނީގެ ލޯބީގެ ވާހަކަ

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އަނބިމީހާ ނީތާއަށް ލޯބި ހުށަހަޅަމުން ބުންޏެވެ: "އަހަރެންނާ ކައިވެނި ކުރާނަން ހެއްޔެވެ؟ އާނއެކޭ ނުވަތަ ނޫނެކޭ ބުނެބަލާށެވެ. މިހާރު ޖަވާބުދޭށެވެ."

ނީތާ ޖަވާބުދިނެވެ: "އާނއެކެވެ. ކައިވެނި ކުރާނަމެވެ. އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތެވެ. ކައިވެންޏަށް ފަހު ވެސް އަހަރެން މަސައްކަތުގެ ދާއިރާގައި ދެމިހުންނާނަމެވެ."

ކައިވެނިކުރަން ނީތާގެ ގާތުން މުކޭޝް އެހީ ކާރެއްގެ ތެރޭގައި އިން ވަގުތެއްގައެވެ. އޭގެ ކުރިން ދެ މީހުން ވަނީ އެތައް ފަހަރަކު ބައްދަލުވެފައެވެ. ނީތާ މުކޭޝްއަށް ތައާރަފުކޮށްދިނީ ޚުދު މުކޭޝްގެ ބައްޕަ ދިރުބައިއެވެ. ދިރުބައިއަށް ވަނީ ހަފުލާއެއްގައި ނީތާ ނަށާ މަންޒަރު ފެނިފައެވެ. އަދި އެ ކަން ވަރަށް ކަމުގޮސްފައެވެ. ދިރުބައިގެ ހިތަށްއެރީ އޭނާގެ ޅީދަރިފުޅަށް ވާން އެންމެ ފުރިހަމަ ވާނީ ނީތާ ކަމެވެ.

ދުވަސްކޮޅެއް ފަހުން ދިރުބައި ނީތާއަށް ގުޅިއެވެ. ދިރުބައިގެ އޮފީހަށް އައިސް އޭނާއާ ބައްދަލުކުރުމަށް ނީތާގެ ގާތުން އެދުނެވެ. ދިރުބައި ފަދަ ހައިބަތު ހުރި ބޮޑު ވިޔަފާރިވެރިއެއްގެ ކޯލެއް ލިބުމުން ނީތާ ހައިރާންވިއެވެ. އަދި ހިތަށްއެރީ އޭނާއަށް ވަޒީފާއެއް ދޭން އުޅެނީ ކަމަށެވެ. ދިރުބައިގެ އޮފީހަށް ނީތާ ދިއުމުން، ކުޑަކޮށް ވާހަކަ ދައްކައިލައިފައި، ނީތާގެ ގާތުގައި އެހީ އެންމެ ދޮށީ ދަރިފުޅު މުކޭޝްއާ ބައްދަލުކުރަން ބޭނުންތޯއެވެ؟ އެ ކަން ވެގެންދިޔައީ މުކޭޝް އާއި ނީތާގެ ފުރަތަމަ ބައްދަލުވުމަށެވެ. އޭގެ ކުރިން ނީތާގެ ގާތުގައި ދިރުބައި ބުނީ މުކޭޝްއާ ކައިވެނިކުރަން އޭނާ އެދެނީ ނީތާ ކަމަށެވެ. މުކޭޝްގެ ހިތްތިރި މިޒާޖާ ނީތާ ގަޔާވިޔަސް، މުކޭޝްއާ ކައިވެނިކުރުމާމެދު ނީތާގެ ހިތުގައި އެހާ ޔަގީންކަމެއް ނެތެވެ. ނަމަވެސް ފުރަތަމަ ބައްދަލުވުމާއެކު ވެސް މުކޭޝް ވަނީ ނީތާއާ ކައިވެނިކުރަން ބޭނުންވެފައެވެ. އަދި އެ ކަމައިގެން ކުރިއަށްދާން މުކޭޝް ނިންމިއެވެ.

"ނީތާއަކީ އަހަރެންނާ ބައްދަލުވި ފުރަތަމަ އަންހެންކުއްޖާ. އަދި އަހަރެން ނިންމީ އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަކަށް ހަދާނީ އޭނާ ކަމަށް،" އިންޓަވިޔުއެއްގައި މުކޭޝް ބުންޏެވެ.

ފުރަތަމަ ބައްދަލުވުމަށްފަހު ނީތާ އާއި މުކޭޝް ގިނަގިނައިން ބައްދަލުކުރަން ފެށިއެވެ. އަދި ނީތާ އެ ދުވަހު ހުށަހެޅި ޝަރުތަށް މުކޭޝް އެއްބަސްވުމުން އެ ދެ މީހުން އެންމެ ފަހުން 1985 ގައި ކައިވެނިކުރިއެވެ. ދެމަފިރިންގެ ތިން ދަރިން އެބަތިއްބެވެ. އަދި އެ އެންމެން ވެސް މިހާރު ވަނީ ކައިވެނިކޮށްފައެވެ. އެ ގޮތުން ދެމަފިރިންގެ އެންމެ ހަގު ދަރިފުޅު އަނަންތުގެ ކައިވެނި ވަނީ މިދިޔަ މަހު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް