"މިއަދު މުޖްތަމަޢުގައި މިއޮތީ ނުބައި ޢަމަލާ ފިތުނަވެރިކަން
އެދުވަހުގެ ރައްޔިތުން ގުޅިގެން ވެރީން އުފަލުން ކުރީ ވެރިކަން"
ކަތީބާ، ކުޑަ ކަތީބާ، ކާތިކުން ލައިގެން އެ ކުރި ވެރިކަން
ނަތީޖާ މާބޮޑަށް ރަނގަޅޭ އެއީ ހަމަ ރައްޔިތުން ވެރިކަން
ރަށުގެ ރަށްވެހިކަމަށްވެސް އިޖްތިމާޢީ ޖޯޝުގައި އެންމެން
ރަށުގެ މުޅި ރައްޔިތުން އެރަށެއް ތަރައްޤީކޮށް އުޅުނު ވެރިކަން
އަވަށްޓެރި އެންމެނާ އަދި ރައްޓެހީން ރަޙްމަތްތެރީން ގުޅިގެން
އަވަށްޓެރިނަށް ޖެހޭ ދަތި ޙާލު ފިލުވައިދީ އުޅުނު ވެރިކަން
ގެދޮރު އެޅުމާ ހިޔާ ކުރުމާ ގެވެހި ގިނަ ގުނަ މަސައްކަތުގައި
ވެވުނު ވަރަކުން އަވަށްޓެރިނަށް އެހީތެރިވާ އެއީ ވެރިކަން
ރަށުގެ ރަށްވެހި ވެފައިވާ އަންހެނުން ޖޯޝާއި ފޯރީގައި،
ނުކުމެގެން "އިލޮށިފަތި" ތަކަކުން ކަހައި ރަށް ސާފުކުރި ވެރިކަން
ރަށުގެ އޮޑިދޯނިފަހަރާ ނާލު ބައްތެލި ފަހަރު އެހެލަންވެސް،
ރަށުގެ މުޅިރައްޔިތުން އެކުގައިނުކުމެ އެހެލާ އުޅުނު ވެރިކަން
އުޅޭ މާލީގޮތުން ނިކަމެތި ފަޤީރުން ދިރިއުޅޭ ޙާލަށް
އުޅޭ މުޅި އަވަށު އެންމެންވެސް އެހީވެ އުޅުނު އެއީ ވެރިކަން
އެކީގައި ރައްޓެހީން ރަޙްމަތްތެރީންނާ ޢާއިލާ މީހުން،
އެކީ އެއް ތަށިމަތީ ކައި ބޮއެ، އަމާން ކަމުގައި އުޅުނު ވެރިކަން
ވިހައިގެން އަންހެނަކު އުޅުނަސް ނުވަތަ ބަލިޙާލުގައި އުޅުނަސް
އަހައިގެން ޙާލުބެލުމަށް ގޭގެއަށްވެސް ގޮސް އުޅުނު ވެރިކަން
މައިން ބަފައިން، ދަރީން، އަދި ޢާލިމުންނާ ޙާކިމުން ނަށްވެސް
ވަކިން ވަކި ޚާއްޞަ ލޯތްބާ ޢިޙްތިރާމާ ޤަދަރު ކުރި ވެރިކަން
ވަކިން ޕާޓީތަކެއް ހެދިގެން ވަކިން ވަކި ކުލަތަކެއް ޖެހިގެން
ވަކިން ވަކި ބައި ބަޔަށް ނޫޅޭ! އެކީ އެންމެން އުޅުނު ވެރިކަން
މިއަދު މުސްލިމް ނަމުން ކިޔަމުން "ދިމަޤްރާޠީ މިޔޭ! ގޮވަމުން"
މިއަދު މިކުރާ ނުބައި ޢަމަލަށްވުރެން ރަނގަޅީ "ކުރީ ވެރިކަން"
