Support Us

އޭނާގެ ކަތުރުކަށިގަނޑެއް ނެތް- ލޯބި ހޯދުން ގޮންޖެހުމަކަށް

އެމެރިކާގެ އިލިނޮއި ސްޓޭޓްގެ ޝިކާގޯ ސިޓީއަށް އުފަން ޖޯސެފް ވިލިއަމްސް އުފަންވީ "ޖޯ ބޯން" ނުވަތަ ކަތުރުކަށިގަނޑު ނެތިއެވެ. ނަމަވެސް އޭނާގެ ހަޔާތަކީ އިބުރަތްތެރި ފިލާވަޅުތަކަކުން ފުރިފައިވާ ހަޔާތެކެވެ. ލޯބި ލިބުމުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް ވާނިއާ ނަމަކަށް ކިޔާ ބައިވެރިޔަކާއެކު ޒަވާޖީ ހަޔާތެއް ފެށިއެވެ.

އެ ގޮތުން 2020 ގައި ދެ މީހުން ގުޅުނެވެ. ނަމަވެސް އެއީ އެތައް އަންހެނުންނަށް ޖޯސެފްގެ ލޯބީގެ ހުށަހެޅުންތަކަށް ފުރަގަސްދީފައިވަނިކޮށެވެ.

ޖޯސެފް އުފަންވީ "އޮޓޮފޭޝަލް ސިންޑްރޯމް"އާއެކުއެވެ. މި ކަމުގެ ސަބަބުން އޭނާގެ ދަތްދޮޅި ހިމެނޭ ކަތުރުކަށިގަނޑެއް ނެތެވެ. ވާނިއާއާ ބައްދަލުވަންދެން އޭނާއަށް ތަހައްމަލުކުރަން ޖެހުނީ ހަނގާކުރުމާއި އެކަހެރިކޮށްލުމެވެ.

ދެ މީހުން މިހާރު ވަނީ އުފަލާއެކު ކައިވެނިކޮށްފައެވެ. ވާހަކަ ދެއްކުމުން މަހްރޫމްވެފައިވުމުގެ އިތުރުން ޖޯސެފަށް ކާބޯތަކެތި ވެސް ހަފާނުލެވެއެވެ. މިހެންވެ ޖޯސެފް މުއާމަލާތްކުރަނީ އިޝާރާތުގެ ބަހުން ނުވަތަ "ސައިން ލެންގުއޭޖުން"ނެވެ. އަދި ކަނީ "ފީޑިން ޓިއުބް" ނުވަތަ ހަށިގަނޑަށް ކާއެއްޗެހި އެތެރެކޮށްދޭ ހޮޅިއަކުންނެވެ.

އަމިއްލަ ނަފުސުގެ އަގެއް ނެތް ކަމަށް އެތައް އަހަރެއް ވަންދެން އިހުސާސް ކުރެވުމަށް ފަހު އަނތްބެއް ލިބުމުން ޖޯސެފް އޭނާގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު މިހާރު ވަނީ ބޮޑުވެފައެވެ.

"އަހަރެންނަކީ ތަފާތު މީހެއްކަން އަހަރެންނަށް ފަހުމްވޭ. ބައެއް މީހުންނަށް ހީވޭ އަހަރެން މިއީ ހުތުރު މީހެއް ކަމަށް. އެ މީހުން އަހަރެން ބަލައެއްނުގަނޭ. ނަމަވެސް އަހަރެންނަކީ ވެސް ހިތަކާއި ޖަޒުބާތާއި ސިކުނޑިއެއް ލިބިގެންވާ އިންސާނެއް. އަހަރެންނާމެދު ވެސް ކަންތައްތައް ކުރަންވާނީ އިހުތިރާމާއެކު. އެހެން މީހުންނަށް ވެސް އިހުތިރާމާއެކު މުއާމަލާތްކުރާ ފަދައިން،" އިޝާރާތުގެ ބަހުން ޖޯސެފް ބުންޏެވެ.

އޭނާއާ ދިމާއަށް މީހުން ބެލުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ އޭނާއާ މީހުން ސުވާލުކުރުމަށެވެ. އޭނާގެ ޒުވާން އުމުރުގައި އޭނާގެ ބެލެނިވެރިން އޭނާ މާބޮޑަށް ރައްކާތެރިކޮށްގެން ގެންގުޅުމުން އޭނާ މިހާރު ބޭނުންވަނީ ތަންކޮޅެއް މިނިވަންކޮށް އުޅުމަށެވެ. އޭނާގެ އުފަން މަންމަ އޭނާ ބަލަން އެހެން މީހަކަށް "އެޑޮޕްޓް" ކުރަން ދޫކޮށްލީ އޭނާގެ ސިފައާމެދު ހައިރާންވެ، އެ ކަން ބަލައިގަންނަން އުނދަގޫވީމައެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ އޭނާގެ ކަތުރުކަށިގަނޑު ނެތް ކަމީ އޭނާގެ ދިރިއުޅުމަށް ހުރަސްއެޅޭ ކަމަކަށް ވިޔަނުދިނުމަށް ނިންމައިގެންނެވެ.

ކައްޓާއި ހަން ގްރާފްޓް ކުރުމުގެ ބޮޑެތި އޮޕަރޭޝަންތައް ތަހައްމަލުކުރަން ޖެހުނު ޖޯސެފްގެ ޒުވާން އުމުރުގައި އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވުމުގެ މައްސަލަ އާއި ހަޔާތުގައި އެކަހެރިވެދާނެ މީހަކަށް ވުމުގެ ބިރު އޭނާއަށް އޮތެވެ. ނަމަވެސް 2019 ގައި ވާނިއާގެ އުމުރުން 39 އަހަރުގައި ޖޯސެފްއާ ވާނިއާ ބައްދަލުވިއެވެ. މިހާރު އޭނާއާ ކައިވެނިކޮށްފައިވާ ވާނިއާއާއެކު ފުރަތަމަ އޮތީ ރަހްމަތްތެރިކަމުގެ ގުޅުމެކެވެ. އެ ގުޅުން ދެން ބަދަލުވީ އިޝްގީ ލޯބީގެ ގުޅުމަކަށެވެ.

ވާނިއާ ޖޯސެފްއާ ބައްދަލުވީ ވާނިއާގެ ވަޒީފާގެ މާހައުލުންނެވެ. ޖޯސެފްއާމެދު ޝައުގުވެރިކަމެއް އުފެދުނަސް ޖޯސެފްގެ އޮޓޮފޭޝަލް ސިންޑްރޯމް ހާލަތް ބަލައިގަންނާނީ ކިހިނަކުން ކަމެއް ވާނިއާއަށް ފުރަތަމަކޮޅު ނުވިސްނުނެވެ. ނަމަވެސް އެހެން މީހެއްގެ ފަރާތުން ޖޯސެފްގެ ހާލަތު ވާނިއާއަށް އެނގުނެވެ. ޖޯސެފްއާމެދު އެކި މީހުން އެކި ގޮތަށް ދެކޭ ކަމަށާއި ސިކުނޑިއަށް އުނދަގޫވެގެން ބައެއް މީހުން ޖޯސެފްއާ ގުޅުން ގާއިމު ނުކުރާކަން ވެސް ވާނިއާއަށް އެނގުނެވެ.

މި ގޮންޖެހުންތައް މިހެން ހުރި ނަމަވެސް ޖޯސެފް އާއި ވާނިއާއާ ދެމެދުގައި ފުން ގުޅުމެއް އުފެދުނެވެ. ރަހްމަތްތެރިކަން "ރޮމޭންޓިކް" ގުޅުމަކަށް ބަދަލުވިއެވެ. އެހެނަސް ފުރަތަމަކޮޅު ލަދުގަތްކަމަށް ވާނިއާ އެއްބަސްވިއެވެ. ނަމަވެސް ދުވަސްތައް ދިޔަދިޔަހެން ޖޯސެފްގެ ގޮތުގައި ޖޯސެފް ބަލައިގަނެވުނު ކަމަށް ވާނިއާ ބުންޏެވެ. ދެ މީހުން މިހާރު މުއާމަލާތްކުރަނީ އިޝާރާތުގެ ބަހުންނާއި އަކުރު ވާހަކައަށް ބަދަލު ކުރާ ނުވަތަ "ޓެކްސްޓް-ޓު-ސްޕީޗް" އެޕެއް ބޭނުންކޮށްގެންނެވެ.

ވާނިއާގެ މަންމަ ޖެނިސް ޖޯސެފްއާ އަލަށް ބައްދަލުވި ވަގުތު ޖެނިސްއަށް ހައިރާންކަމެއް ލިބުނުކަމަށްވެއެވެ. ނަމަވެސް ޖޯސެފްއަށް ކުރިމަތިވެފައިވަނީ ކޮން ކަމެއްތޯ ބެލުމަށް ޝައުގުވެރިކަން އުފެދުނެވެ. އަދި ޖޯސެފްއާމެދު ރަނގަޅު ނަޒަރަކުން ބަލަން ފެށިއެވެ.

"ޖޯސެފްއަކީ އާދަޔާހިލާފު މީހެއް. އާއްމު ގޮތެއްގައި ފިރިހެނުން ނުކުރާ ކަހަލަ ކަންތައްތައް އޭނާ ކުރޭ. އޭނާއަކީ ބުރަކޮށް މަސައްކަތްކުރާ މީހެއް. އަދި ވާނިއާގެ ކަންތައްތަކަށް ފަރުވާތެރިވާ މީހެއް. ވާނިއާއާމެދު ވަރަށް ބޮޑަށް އޭނާ އަޅާލުން ބަހައްޓާ. ވާނިއާ ދެކެ އޭނާ ލޯބިވޭ. އަދި ވާނިއާ ވެސް އޭނާ ދެކެ ލޯބިވޭ،" ޖެނިސް ބުންޏެވެ.

ފުރަތަމަކޮޅު ޝައްކުތަކެއް ހުރި ނަމަވެސް ޖޯސެފް އާއި ވާނިއާ 2020 ގައި ކައިވެނިކުރިއެވެ. ވާނިއާގެ މައިންބަފައިންނާއި ޖޯސެފްގެ ގާތް މީހުން އެ ކަމަށް ތަރުހީބު ދިނީމައެވެ.

ޖޯސެފް އާއި ވާނިއާގެ ގުޅުމާމެދު އެކިއެކި މީހުން އެކި ވާހަކަ ދައްކައެވެ. ވާނިއާއަށް ޖޯސެފްގެ ތުންފަތުގައި ބޮސްނުދެވޭނެކަމަށާއި ނުވަތަ ވާނިއާދަނީ ޖޯސެފްއަށް ބޭވަފާތެރިވަމުންކަމަށް ތުހުމަތުކުރެއެވެ. ނަމަވެސް މި ކަހަލަ ފާޑުކިއުންތައް އަމާޒުވި ނަމަވެސް ދެ މީހުންގެ ދެމެދުގައި އޮތް ލޯތްބަށް ބަދަލެއް ނާދެއެވެ. ދެ މީހުން އެކުގައި ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ދެ މީހުން އެކުގައި ކުރަމުން އަންނަ މަސައްކަތުގައި ފަހަތަކަށް ފިޔަވަޅެއް ނާޅައެވެ. ހުރިހާ ކަމެއްގެ މައްޗަށް ވެސް އެންމެ ބާރުގަދައީ ލޯބިކަން ސާބިތުކޮށްދެމުންނެވެ.

ހަޔާތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމުގައި ލޯބީގެ ބާރުގަދަކަން ޖޯސެފް އާއި ވާނިއާގެ ޒަވާޖީ ހަޔާތުން އެނގެއެވެ. އުސްތަކާއި އަޑިގަނޑުތަކުގެ ތެރެއިންނާއި ޝައްކާއި ވަހުމާއި ކާމިޔާބީގެ ތެރެއިން، ޖޯސެފް އާއި ވާނިއާ ވަނީ މުޅި ހަޔާތަށް ދެމިގެންދާ ފަދަ ހައިރާންކުރަނިވި ގުޅުމެއް ގާއިމުކޮށްފައެވެ. މި ފަދަ އެހެނިހެން ވާހަކަވާހަކައިން ވެސް އެނގެނީ ހުރަސްތަކާ ކުރިމަތިލުމުގައި ކާމިޔާބު ހޯދުމަށް ލޯތްބަކީ ހުއްޓުމަކަށް ނުގެނެވޭނެ ގަދަފަދަ ބާރެއްކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް