ޣަފުލަތުން ފުރިގެން ހިތެއް ފައިބާ އުތުރި ބަންޑުންވިޔަސް
ނަފުސަކުން އަހަރެން ކުރާނޭ ނެތް ކަމެއް ހިތްފަޅިވިޔަސް
އަނެކުނަށް ލިބިފައިވި ނިޢުމަތަކަށް އަދައި ކަޅު ހިތް ނުކޮށް
ދަނެ ޝުކުރުކުރުމޭ އޮތީ ފަހެ، ޒާތުގައި ކެތްމަދުވިޔަސް
ތަރުބަވީ އީމާނުގައި ދެއްވެވި ތިމާއަށް ހެޔޮފުޅަށް
ދަރުމަވެރި ހިތަކުންނެ ރުހިލާށޭ! ހިތާ ދެކޮޅަށްވިޔަސް
އުފުލަމުން ވާހަކަ ތުނބުން ދިލަ އޭގެ އިން ފިއްސާ ނަފުސް
ނުފުރި ހުރެ ގުޑުގުޑުއެޅުން މަރު ގޯހެކޭ! ނުރުހުންވިޔަސް
މޭކަރާ ކަންކަން ދުރަށްލައި ސާފުކޮށް މަސްރަހު ހިތުން
ހީކުރާ ޝުބުހާތަކުން ރެކުމޭ މޮޅީ ހިނދަކަށްވިޔަސް
ނެތް އެކަކު އަތު އަނެކަކަށް ދޭނޭ ހިލާ އެއްޗެއް، ތެދޭ!
ހިތް ޚަލާސްކުރަނީ އިލާހަށެ ފުދި އުފާވެ، ހަނާވިޔަސް
