ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭއީ) އިން ބައެއް ފަހަރު ރައްޔިތުންނަށް ޖެއްސުން ކުރަން އުޅޭހެން ހީވާ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އުސާމް ވިދާޅުވެއްޖެއެވެ.
އުސާމް މިގޮތަށް ވިދާޅުވީ ކޮވިޑް 19 ބަލިމަޑުކަން މާލޭގައި އިތުރަށް ފެތުރޭތީ މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އާ ދެމެދު ދުއްވުން އެޗްޕީއޭއިން މަނާކުރުމާ ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައެވެ.
ރޭގަނޑުން ފެށިގެން ފަތިހާ ދެމެދު ވެހިކަލް ނުދުއްވޭ ގޮތަށް ހެދުމަކީ އެތައް ބަޔަކަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހޭ ކަމެއް ކަމަށާއި އެފަދަ ކަންކަން ކުރުމުގެ ބަދަލުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޗްޕީއޭއިން އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައެއް ފަހަރު އެބަހީވޭ އެޗްޕީއޭއިން އުޅޭނީ ރައްޔިތުންނަށް ޖެއްސުންކުރަންހެން ވެސް. މިކަމަކީ އެތައް ބަޔަކަށް ބޮޑު ތަކްލީފަކަށް ވާނެ ކަމެއް. މިކަހަލަ ކަންކަން ކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން މެނުވީ ހައްލެއް ނެތް،" އުސާމް ވިދާޅުވިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ރޭ ބުނެފައި ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ރޭގަނޑު 8 އިން ފެށިގެން ފަތިހު 5 އާ ދެމެދު އެއްގަމު އުޅަނދުތައް ދުއްވުން މަނާ ނަމަވެސް މީހުން ބޭރުގައި އުޅުން މަނާވާނީ ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އާ ދެމެދު ކަމަށެވެ.
ފުލުހުން ވިދާޅުވެފައި ވަނީ ދުއްވުން މަނާ ގަޑިތަކުގައި އުޅަނދު ދުއްވާނަމަ ޖޫރިމަނާކުރުމުގެ އިތުރަށް ވެހިކަލް ޓޯ ކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.



advertisment