Support Us

އެމް.ޕީ.އެލް އާއި އަންކްޓަޑް ގުޅިގެން "މޮޑަން ޕޯޓް މެނޭޖްމަންޓް" ކޯހެއް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ޔޫއެން ޓްރޭޑް އެންޑް ޑެވަލޮޕްމަންޓް (އަންކްޓަޑް) ގުޅިގެން ކުރިއަށް ގެންދާ "މޮޑަން ޕޯޓް މެނޭޖްމަންޓް" ކޯސް މިއަދު ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމް.އެސް.އެސް)ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފާއި ޑެޕިއުޓީ ކޮންޓުރޯލަރ އޮފް އިމިގްރޭޝަން އަޙްމަދު އަޝްފާން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.ޕީ.އެލްގެ ޗީފް ކޯޕަރޭޓް އޮފިސަރ އައިޝަތު ޝިމްލާ ވިދާޅުވީ މި ކޯހަކީ މެރިޓައިމް ޕޯޓްގެ ދާއިރާ އިން މީހުން ބިނާކުރުމަށް މުހިންމު ކޯހެއް ކަމަށެވެ. އަދި ތަޢުލީމާއި ތަމްރީނު ހާސިލްކުރުމުގައި އެމް.ޕީ.އެލްގެ ހުރިހާ މުވައްޒަފުންވެސް ގުޅިގެން، ކުރިއެރުން ހޯދަން މަސައްކަތްކުރާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ވާދަވެރިކަންވެސް އޮންނަންވާނީ ރަނގަޅު ގޮތުގައި. އަދި އަޅުގަނޑުމެން ޝާމިލްވާން އެންމެ ރަނގަޅު ވާދަވެރިކަމަކީ ޢިލްމު ހާސިލްކުރުމަށް. އަޅުގަނޑު ހަނދާންކޮށްދޭން ބޭނުންވަނީ މި ތަމްރީނުގައި ތިޔަ ބައިވެރިން ތި ތިބީ އެކަންޏެއް ނޫންކަން. އަޅުގަނޑުމެންވެސް މިތިބީ ތިޔަ ހުރިހާ ބައިވެރިންނާއެކު. ހަމައެކަނި އެއް ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ގޮތުގައެއް ނޫން. އެކަމަކު ގުޅިގެން، އުނގެނި ކުރިއެރުން ހޯދާ އާއިލާއެއްގެ ގޮތުގައި،" ޝިމްލާ ވިދާޅުވިއެވެ.

މިއީ އެމް.ޕީ.އެލް އާއި އަންކްޓަޑް ގުޅިގެން މި ކޯސް ރާއްޖޭގައި ކުރިއަށް ގެންދާ ތިން ވަނަ ފަހަރެވެ. މި ކޯހަކީ 18 މަސް ދުވަހުގެ ކޯހެކެވެ. ބްލޮކް މޯޑަށް ކުރިއަށް ގެންދާ މި ކޯހުގައި މި އަހަރު ޖުމްލަ 20 މުވައްޒަފުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އެމް.ޕީ.އެލްގެ މުވައްޒަފުންގެ އިތުރުން އެމް.އެސް.އެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ވެސް ހިމެނެއެވެ.

މި ކޯހުގެ ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރ ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރ ޖޯ ހައިނީއެވެ.