ފަހުގެ އިކުއިޕްމެންޓްތަކާއެކު ތަނަވަސް ޖާގައެއްގައި އާރު.ޑީ ފިޓްނެސްގެ ޔުނިސެކްސް ޖިމް އަންނަ ހަފުތާގައި ހުޅުވާ ގޮތަށް ހަމަޖައްސައިފިއެވެ.
މާލޭގައި ހިންގާ ފިޓްނަސް ސެންޓަރުތަކުގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ބޮޑު މަގުބޫލްކަމެއް ހޯދައިފައިވާ "ރީތިދަންވަރު ފިޓްނަސް" ނުވަތަ އާރު.ޑީ ފިޓްނަސްއަކީ ކަސްރަތު ކްލާސްތައް ނަގައިދިނުމުގެ 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ ދެބެން ކަމަށްވާ އައިޝަތު ރުހޭލާ (ރުހޭ) އާއި އައިޝަތު ޝައިފާ (ތައި)ގެ އިތުރުން އެ ދެބެންގެ ދެ ބޭބެއިން ކަމަށްވާ ހަސަން އިބްރާހިމާއި މުހައްމަދު ޝިހާމުގެ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގަމުން އަންނަ ތަނެކެވެ.
އާރު.ޑީ ފިޓްނެސްގެ މެނޭޖިން ޑައިރެކްޓަރ ހަސަން އިބްރާހިމް މިއަދު ބުނީ 2022 އަހަރުގެ މެއި 31ގައި އާރު.ޑީ ފިޓްނެސް ވުޖޫދަށް އައިއިރުވެސް ޕްލޭން ކުރެވިފައިވާ ފަދައިން ދެ ޖިންސްގެ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބޭނުން ކުރެވޭ ފަދަ ޒަމާނީ ޖިމެއްގެ ޚިދްމަތްތައް ދިނުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ކޮށް ނިމިފައި ކަމަށެވެ. އެގޮތުން ގ. އިރާނުގޭގެ ދެވަނަ ފްލޯގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ހުޅުވުމަށް ތައްޔާރުވަމުން އަންނަ މި ޖިމްއަކީ ޖާގައިގެ ގޮތުން ތަނަވަސް އަދި ފަހުގެ އިކުއިޕްމެންޓްތަކާއެކު ކަސްރަތުކުރުމަށް ޚާއްސަ ކުރެވިފައިވާ ޖިމެއް ކަމަށް އޭނާ ބުންޏެވެ.

"އާރުޑީ ފިޓްނެސްގެ އަމާޒަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެކި ކަހަލަ ކަސްރަތު ކުރުމަށް މީހުންނަށް ފުރުސަތު ހޯދައިދިނުމާއެކު ފަސޭހަ ވަގުތު ތަކުގައި ކަސްރަތު ކުރެވޭނެ ފަދަ މަގުތައް ހޯދައިދިނުން. އެހެންކަމުން އާރްޑީ ފިޓްނެސްގެ ޖިމް ވެގެންދާނީ ފްލެކްސިބަލްކޮށް ކަސްރަތު ކުރުމަށް ބޭނުންވާ މީހުންނަށް ހުޅުވާލެވޭ އިތުރު ދޮރަކަށް،" ހަސަން ބުންޏެވެ. "މި ޖިމްގެ ފަރާތުން "ޖިމް ޔޫސް" އަށް ބޭނުން ކުރުމުގެ ފުރުސަތުގެ އިތުރުން ޕަރސަނަލް ޓްރެއިނިންގެ ޚިދްމަތާއި އަދި ގްރޫޕް ފިޓްނެސްއާއެކު ޖިމް ބޭނުންކުރުމުގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެ. ޖިމްގައި މަސައްކަތް ކުރާނީ މިކަމަށް ޚާއްސަ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލް މީހުން. ޖިމްގެ މެމްބަރޝިޕަށް ކުރިއަށް އޮތް ހަފުތާގައި ހުޅުވާލެވިގެންދާނެ."
އާރުޑީ ފިޓްނެސް ހުޅުވިގެން ފާއިތުވީ ދެ އަހަރު ދުވަހު ހިންގަމުން އައިސްފައިވަނީ ހަމައެކަނި ގްރޫޕް ފިޓްނެސް ކްލާސްތަކެވެ. އެގޮތުން ޒުމްބާ އަދި ލެސްމިލްސްގެ ގިނަ ޕްރޮގްރާމްތަކާއި ބޫޓްކޭމްޕް ފަދަ ކްލާސްތައް ގްރޫޕް ފިޓްނެސް ސްޓޫޑިއޯ ތަކުގައި ހިންގަމުން ގެންދެއެވެ.




advertisment

