ކުއްލިގޮތަކަށް ހޮޅި ނަގައި އައި ރާޅު ހިތްތައް ރޮއްވަމުން
ކުއްލި ސިހުމެއް ދީބުގައި ފެތުރީ މޮޅިން ސާލެއް ލަމުން
ދިވެހި ދީބުގެ އުދަރެހުން ފާއްދާލި ރަންތަރިއެއް ދުރަށް
ބީވެ ދުނިޔޭން ވަކިވެ ދިޔައީ ޤައުމު އަދު ރޮއްވައިލަމުން
ޝަރަފުގައި ދިވެހީންގެ ހިތްތައް، ކުޅިވަރުގެ މައިދާނުގައި
ވަރުވަރުން އުފުލައިލި ޒިކުރާ ލޯ މަތީ ދޭ ސިފަވަމުން
ރިވެތި ޚުލްޤާ އަދަބު އަޚްލާޤީ ސިފައިން ގަހަނާއަޅައި
ރިވެތިކޮށް ދަނޑުގައި ނަމޫނާ ދެއްކި ހިތްތައް ފުރުވަމުން
ކިލަނބުކަން ނެތް ރޭތަކެއްގައި ދާއިމަށް އަލިވާނެހެން
ފަލަކުގައި އަލިތަރި ވިދާނޭ ބިން ދިވެހި އަލިކުރުވަމުން
ލައްވަވާ ފިރުދައުސުގައި އެ ފުރާނަ އަބަދަށް ދާއިމަށް
ދެއްވެވުން ރަޙްމަތްފުޅުން ހެޔޮ ދަރުމައަށް އެދެނީ ރޮމުން
