Support Us

ޖާބިރުގެ ޓްވިޓަރ އެކައުންޓުގައިވާ ފޮޓޯގައި ރައީސް ނަޝީދާއެކު ޖާބިރު

ޖާބިރަކީ ރައީސް ނަޝީދުގެ އެޖެންޓެެއް، އަމާޒަކީ ބަރުލަމާނީ

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަކީ ބަރުލަމާނީ އަށް ވޯޓު ހަމަވޭތޯ ވަކަރަށްޖަހާލުމެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން މަޖިލީހުގެ ރައީސް، އަދި އެމް.ޑީ.ޕީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހަކުން މަސައްކަތް ފެއްޓެވި އެވެ. އެ މައްސަލަ އެމް.ޑީ.ޕީ ޕީޖީ ގްރޫޕުގައި ވެސް މަޝްވަރާނުކޮށް، އެންމެ ފުރަތަމަ ވެސް މައްސަކަތް ކުރީ، މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ސޮއި ހަމަކުރާށެވެ. އެކަމުގައި އިސްކޮށް އުޅުއްވީ ވެސް ރައީސް ނަޝީދެވެ. މިކަމުގައި އެމް.ޑީ.ޕީގެ މެމްބަރުންތައް ދެބައިވެގެން ދިޔައެވެ. ބައެއް މެމްބަރުން ފާޅުގައި ނުކުންނަވައި، މިނިސްޓަރު ފައްޔާޒަށް ތާއީދު އޮތްކަން ހާމަކުރައްވަމުން ގެންދެވި އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ފައްޔާޒަށް އެ މަނިކުފާނުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އެ ވޯޓު ކާމިޔާނުވާނެ ކަމަށެވެ.

މަޖިލީހުގައި އެމް.ޑީ.ޕީގެ 65 މެމްބަރުން ތިބިއިރު، ރައީސް ނަޝީދަށް 20 ސޮއިވެސް ހަމަނުވިއެވެ. ސޮއިކުރި ބައެއް މެމްބަރުން ވެސް ފަހުން ބޭނުންވީ އަނބުރާ ސޮއި ނަންގަވާށެވެ. އަނެއް ބަޔަކު ވިދާޅުވީ އެހެން ގޮތެއް ނެތިގެން ސޮއިކުރެއްވި ނަމަވެސް ވޯޓު ނުދެއްވާނެ ކަމަށެވެ. އެކަމަކު ވެސް ނަޝީދު ހުންނެވީ ގަދަފައި ވިއްދަވާފައި، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވާށެވެ.

އެކަމަކު އެ މައްސަލަ އަދިވެސް މަޖިލީހަކަށް ނުވައްދައެވެ. އަދި އެމް.ޑީ.ޕީ ޕީޖީ ގްރޫޕުގައި ވެސް މަޝްވަރާއެއް ނުކުރެއެވެ.

ދެން ކުއްލިއަކަށް އިވިގެން މި މިދިޔައީ، ޑީ.އާރް.ޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކުއްލި ގޮތަކަށް ވަޑައިގެން، އިދިކޮޅު ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަނާ ގުޅިވަޑައިގެން، "ސަރުކާރު ޖަވާބުދާރީކުރުވުމަށް" ނުކުންނެވި މަންޒަރެވެ. ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަންގެ މޭޒުދޮށުގައި ޖާބިރު އެންމެ ބޮޑަށް ވައުދުވެވަޑައިގަންނަވަނީ، މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލުހުކުމެއް އިއްވައި، މާފުށި ޖަލުގައި މި ވަގުތު ހުންނެވި ކުރީގެ ރައީސް އަދި ޕީ.ޕީ.އެމްގެ ރައީސް، ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކޮށްދިނުމުގައި އެހީތެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ފަހުން އަނެއްކާ ވެސް އިވިގެން މިދިޔައީ، ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޖާބިރު މަޖިލިހަށް ވައްދަވާނެކަން ޢިއުލާން ކުރެއްވި ވާހަކަ އެވެ. އެއާއެކު، ޝާހިދަށް އިތުބާރު އޮތް ކަމަށް ރައީސް ނަޝީދު ދާދި އަވަހަށް ޓްވީޓު ކުރައްވައި، ޝާހިދަށް ތައުރީފު ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ "ފޮރިން މިނިސްޓަރ ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށާއި އަދި ޝާހިދަށް ސާބަސް ރައްދުކުރައްވާ ކަމަށެވެ. ނަމަވެސް އިމްރާނާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އަދި ހަމަ ޖާބިރު އިއްޔެ ވަނީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖެ އަނބުރާލުމަށް، ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އަންނަ ހަފުތާގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމަކީ ރައީސް ނަޝީދުގެ އެންމެ ބޮޑު ހުވަފެން، އަދި އުންމީދެވެ. ނަމަވެސް، ބަރުލަމާނީ އަކަށް ރައީސް ސޯލިހު ތާއީދެއް ނުކުރުއްވަ އެވެ. އެ މަނިކުފާނު އަމާޒު ހިއްޕަވާފައި ހުންނެވީ 2018 ގައި ރައްޔިތުން އިތުބާރާއެކު ދިން، ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވާށެވެ. އަދި، ކޮވިޑްގެ މި އަޑިގަނޑުން އަރައިގަނެ، ރާއްޖޭގެ އިގްތިސޯދު ސަލާމަތުގެ އައްސޭރިއަކަށް ގެންދަވައި، 2023 ގައި ދެ ވަނަ ދައުރަކަށް ނުކުންނެވުމަކީ ވެސް ރައީސް ސޯލިހު ބޭނުންފުޅުވާ ކަމެކެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އެއާޕޯޓުގައި ބައްދަލުކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ރާއްޖެއަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ބަލިމަޑުކަން މެނޭޖްކުރުމުގެ ތެރޭގައި ސަރުކާރުގެ އިސް ވެރިން ވައްކަންކޮށް، ނާޖާއިޒު ފައިދާ ނަގައިފި ކަމަށާއި އެހެންވެ، އަސްކަރިއްޔާ އިން ނުކުމެ، ސަރުކާރުގެ އިސްވެރިން ހައްޔަރުކުރުމަށް ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު މިދިޔަ ހަފުތާގައި ވަނީ ގޮވާލައްވައިފަ އެވެ.

ޖާބިރު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްވެރިން އޮޅުވާލައިގެން ނާޖާއިޒު ފައިދާ ނަންގަވާފައި ވާތީ ވަގުތުން ވަގުތަށް އަސްކަރިއްޔާ އިން އެބޭފުޅުން ހައްޔަރުކުރަންޖެހޭ ކަމަށާއި އަސްކަރިއްޔާއަށް ވެސް އޮޅުވާލައިގެން "މިތިބަ ބޮޑެތި ވަގުންތައް ވައްކަން ކުރީ ދިވެހި ރައްޔިތުން ނޭވާލާ ނިޒާމުން" ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި އަސްކަރިއްޔާ އިން ދިވެހިރާއްޖެ ދުވަސްކޮޅަކަށް ހިންގާފައި، ފްރީއެން ފެއާރ އިލެކްޝަނެއް ވަގްތުން ބާއްވާށޭ. ޖެނެރަލް ޝަމާލް ތެދުވެވަޑައިގެންނަވާށޭ. ވަގްތުންވަގްތަށް ދިވެހިރާއްޖޭގެ އަސްކަރިއްޔާ ތެދުވެވަޑައިގެންނަވާށޭ. ދިވެހި ރައްޔިތުން ބަނޑަށް ޖެހިއްޖެއްޔާ ކޮންބައެއް ޒިންމާ އުފުލަނީ؟ އަސްކަރިއްޔާއިން އުފުލާނީ. ދިފާއީ ބާރުތަކުން އުފުލާނީ،" ޖާބިރު ވިދާޅުވި އެވެ. "މި ކޮރާނާ ވައިރަސްގައި ވެސް ހުރިހާ މަސައްކަތެއް ކުރީ ދިފާއީ ބާރުތަކުން. ވައްކަންކުރީ އެހެން ބައެއް."

ޖާބިރު އަދި ވިދާޅުވީ، ރައީސް ސޯލިހު ވެސް އަސްކަރީ ޔުނީފޯމެއް ލައްވައި، އަދި ކެބިނެޓަށް ވެސް އަސްކަރިއްޔާގެ ބޭފުޅުން އިސްކުރުމަށެވެ.

"އަސްކަރިއްޔާއާ ހަވާލުކުރި ނަމަ ގައިމު ވައްކަމެއް ނުކުރީސްތާ. އަޅުގަނޑު މިތާނގައި ބުނިން ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކާ ހަވާލުކުރާށޭ ކޮރޯނާ ވައިރަސް ކަންތައްތައް މޭނޭޖްކުރަން. ކީއްވެގެންތޯ ނުކުރީ؟ ނުކޮށް ވައްކަންތައް ކުރީ. އަޅުުގަނޑު މިއަދު ފަހުރުވެރިވޭ ދިވެހި އަސްކަރިއްޔާއާއި ދިވެހިރާއްޖޭގެ ދިފާއީ ބާރަށް. (ޗީފް އޮފް ޑިފެންސް ފޯސް) ޖެނެރަލް ޝަމާލަށާއި (ޑިފެންސް މިނިސްޓަރު) މެޑަމް މާރިޔާ އަށް އަޅުގަނޑު ސެލިއުޓް ނަގަން. ހަމަ ވަގްތުންވަގްތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ދަންނަވަނީ އަސްކަރީ ހެދުން ލާށޭ އެބޭފުޅާވެސް. ލައިގެން ކެބިނެޓަށް ލާށޭ އަސްކަރިއްޔާގެ ބޭފުޅުން. ވައްކަމެއް ނުކުރާނޭ. ދުނިޔޭގައި (ވެރިކަން) ނުހިންގުނީމާ ދެން އަސްކަރިއްޔާއިންނޭ ހަވާލުވާނީ. ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކުން ވަގްތުންވަގްތަށް މި ސަރުކާރުގެ އެންމެ އިސްވެރިން ހައްޔަރުކުރާށޭ، ވަގްތުންވަގްތަށް. ވައްކަން ކޮށްފިއޭ. ނާޖާއިޒު ފާއިދާ ނަގައިފިއޭ،" ޖާބިރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވަގުހިފަން އައިސްފައިވާ ކަމަށް މިއަދު ބުނެވެން ނެތް ކަމަށާއި އެމްޑީޕީ ސަރުކާރުން ވައްކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އަދި ވައްކަން ކުރި މީހުން ވައްކަން ކުރީ ސަރުކާރުން އެކި ޕާޓީތަކަށް އިތުބާރުކޮށް އެ ފަރާތްތަކަށް މަގާމުތައް ދެއްވުމުން ކަމަށާއި އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވަގުތުން ވަގުތަށް އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.

ޖާބިރު ވަނީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ އަދި ހަރަދު ކުރެއްވި ކަމަށް ވެސް ވިދާޅުވެފައެވެ.

ސަރުކާރުގެ ދިފާއުގައި މަޖިލީހުގައި ވަރަށް ގިނަ ވާހަކަތައް ޖާބިރު މީގެ ކުރިން ދެއްކެވިއެވެ. އެކަމަކު ވަކި ހިސާބަކުން ފެނުނީ ރައީސް ސޯލިހަށް ނިސްބަތްކޮށް ވެސް ވަގުތުހުމަތާއި އެފަދަ ތަފާތު ދޮގު އިލްޒާމްތައް އަޅުއްވަމުން ގެންދެވި ތަނެވެ. އެކަމަކު، ކޯޓު މަރުހަލާ ނިމިފައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ވ. އަތޮޅު ބޮޑުމޮހޮރާ ޖާބިރަށް ހަވާލުކުރަން މި އަހަރު ފެބްރުއަރީގައި ޓޫރިޒަމް މިނިސްޓްރީން ނިންމައި، އެގްރިމަންޓް ކުރި ހިސާބުން، ޖާބިރުގެ ރާގު ބަދަލުވެ، ރައީސް ސޯލިހަށާއި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތައުރީފު ކުރައްވަން ފެއްޓެވިއެވެ.

ރައީސް ސޯލިހަށް ސަނާ ވިދާޅުވުމުގައި ފަސް ވަރަކަށް މަސް ހޭދަކުރެއްވުމަށްފަހު އަނެއްކާ ޖާބިރުގެ ރާގު ބަދަލުވެގެން މި އުޅެނީ ކޮން ކަމެއް ބޭނުންވެގެން ކަމެއް ޖާބިރު ވިދާޅެއްނުވެއެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ކޮންމެވެސް ކަމެއް އަނެއްކާ ވެސް ބޭނުންވެ، އެކަން ހަމަނުޖެހިގެން އުޅުއްވާކަން ދޭހަވާ ގޮތަށް ވެސް ޖާބިރު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

"ސަރުކާރު ފޭލިވެއްޖެ. އިބްރާހިމް މުހައްމަދު ސޯލިހަށް ރާއްޖެ ހިންގާކަށް ނޭނގުނު. އަންޑަސްޓޭންޑްވާން ޖެހޭނެ. މިއަދު އަޅުގަނޑު މިތާ ހުރެގެން ވާހަކަ ދެއްކީމާ ހިތަށްއަރާފާނެ އަޅުގަނޑު އެވެނިކަމެއް މިވެނިކަމެއް ނުވެގެންނޭ މި އުޅެނީ. ނުވަންޏާ އެ ވާހަކަ ވެސް ދައްކަންވީ. ކީއްވެ ނުދައްކަންވީ؟ އެކަމަކު އެއެއް ނޫން މި ދައްކާ ވާހަކަ އަކީ،" ޖާބިރު ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

މި ހުރިހާ ކަމެއް އެއްކޮށްލައި، ބަލައިލުމުން އެނގެނީ މިއީ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން އަނބުރާ ގޭސްގަނޑެއް ކަމަށެވެ. ރައީސް ސޯލިހަށް ފާޑު ވިދާޅުވެ، ޖާބިރު މިހާރު ހަރަކާތްތެރިވަމުން އެ ގެންދަވަނީ ރައީސް ނަޝީދުގެ އެޖެންޓެއްގެ ގޮތުގަ އެވެ. ހުރިހާ ވެސް އަމާޒަކީ ބަރުލަމާނީ އެވެ.

ޖާބިރުގެ ޓްވީޓަރގައި ވެސް ރަސްމީ ފޮޓޯއަކަށް ހުރީ ރައީސް ނަޝީދާއެކު ނަގައިފައިވާ ފޮޓޯއެކެވެ.

ރައީސް ސޯލިހާއި ޝާހިދު ސަލާމް ކުރައްވާއިރު ރައީސް ނަޝީދު (ވ) ބަލަހައްޓަވައިގެން -ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޖާބިރު ލައްވާ ވެއްދުވީ ވެސް އިތުރު ގޭސްގަނޑެއް އަނބުރާށެވެ. އަދި ޝާހިދަށް އިތުބާރު އޮތް ކަމަށް ރައީސް ނަޝީދު އެހާ އަވަހަށް ވިދާޅުވެ ސާބަސް ދެއްވީ، ޖާބިރުގެ ނިންމެވުމަށް ރައީސް ނަޝީދު ތާއީދު ނުކުރައްވާ ކަމެއް ކަމަށް މީހުންގެ ލޮލުގައި އަނދުން އެޅުވުމުގެ ބޭނުމުގައެވެ. އެކަމަކު، ހަގީގަތުގައި، ޝާހިދަށް ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވުމުން، ޝާހިދެއް ވެސް އެކަން ހެޔޮހިތުން ގަބޫލެއް ނުކުރައްވާނެއެވެ.

ސަބަބަކީ ރައީސް ނަޝީދުގެ ބަސްފުޅާއި އަމަލްފުޅު ދިމާނުވާވަރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކަށް ޝާހިދު ވާނެތީ އެވެ. ޝާހިދަކީ ވެސް ފިސާރި ވިސްނުން ތޫނުފުޅު، ދުރު ވިސްނިވަޑައިގަންނަވާ، ހުށިޔާރު ބޭފުޅެކެވެ. ރައީސް ސޯލިހު އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރު ކަމަށްވާ ޝާހިދުގެ ގައިކޮޅަށް "ސިޔާސީ ކައްޓެއް" ހަރާލުމަކީ އެހާ ފަސޭހަކަމެއް ނޫންކަން، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އެންމެނަށް ވެސް އެނގޭނެއެވެ.

ރައީސް ސޯލިހާ ދެކޮޅަށް ރައީސް ނަޝީދު ނުކުންނަވައި، ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމުގެ ނަމުގައި އަނބުރާލި ގޭސްގަނޑަކީ، ރައީސް ސޯލިހާ ދެކޮޅަށް ކުރައްވާ ކަމެއްގައި، މަޖިލިސް ތެރެއިން ރައީސް ނަޝީދަށް ހަމަކުރެވެނީ ކިތައް ވޯޓުތޯ ބެއްލެވުމަށް ވަކަރަށްޖަހާލި ޖަހާލުމެކެވެ. އެކަމުގައި މާ ބޮޑު ކާމިޔާބެއް ނުލިބޭނެ ކަމަށް ބައްލަވައި، އިދިކޮޅު ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަންގެ ދިހަ ވަރަކަށް ވޯޓު ލިބޭތޯ، ޖާބިރު މެދުވެރިކޮށް މިހާރު އެ ގެންދަނީ ޑީލެއް ހަދަމުންނެެވެ.

ޖާބިރު، ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަނާ ގުޅިވަޑައިގެން ބައްދަލުކުރައްވަނީ -ފޮޓޯ: ޕީ.ޕީ.އެމް

ރައީސް ޔާމީން ޖަލުން މިނިވަންކޮށްދޭ ނަމަ، ޕީ.ޕީ.އެމް/ޕީ.އެން.ސީ ކޯލީޝަން އޮންނާނީ އެފަދަ ކޮންމެ ކަމެއް ވެސް ކޮށްދޭ ގޮތަށްކަން ޔަގީނެވެ.

އެހެންވެ އިދިކޮޅު ވޯޓުކޮޅު ލިބިއްޖެ ނަމަ، ބަރުލަމާނީ ވޯޓަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. ޖުމްހޫރީ ޕާޓީގެ ހައެއްކަ ވޯޓަށް ވާނެ ގޮތެއް އަދި ނޭނގެ އެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މަޖިލީހަށް ޖާބިރު މައްސަލަ ހުށަހަޅުއްވައިފި ނަމަ، ތަޅުމުގައި ބަހުސް ކުރުމަށްފަހު ފުރަތަމަ އޮންނާނީ ރައްޔިތުންގެ ފެންނަ/ ނުފެންނަ ވޯޓަކަށް ދިއުމަށް، މަޖިލީހުން ފާސްކުރުމެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ އޭގެ ފަހުންނެވެ.

މިހާރު ކަންކަން ހިނގަމުންދާ އުސޫލަށް ބަލާއިރު، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ވެސް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް، ނުވަތަ ޖޭ.އެސް.ސީން ފާސްކޮށްގެން ނަމަވެސް، ހޯމް މިނިސްޓަރަށް އެންގުމުގެ ފުރުސަތު އެބައޮތެވެ. ރައީސް ނަޝީދު ބޭނުންވެއްޖެ ނަމައެވެ. އެހެންވެ، ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން، ޖާބިރު "ވަގްތުންވަގްތަށް" ހިންގަވަމުން އެ ގެންދަވަނީ ބަރުލަމާނީއަށް މަގުކޮށުމުގެ ހަރަކާތްތަކެވެ. ދެވަނަ ދެ ކަމެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
32
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މީ ކުޅޭ ޑުރާމާ ތަކެއް، މިފަދަ ހާލަތެއްގައި ދުނިޔެ ވާ އިރު މޮޔަނުގޮވާ ތިބެން ވީނުން ގައުމަށް ހެވެއް އެދޭ ނަމަ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *