Support Us

ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުުމުން މަޖީދިއްޔާ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

‏ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުުމުން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ ބޮޑު ސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ކޭބަލް ބުރިކޮށް ވަގަށް ގެންދިއުމުން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ކަރަންޓު ކެނޑުމުން އައު ކޭބަލެއް އަޅައި ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި މިއަދު ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަޙައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރުމަށް ވަގުން ރޭ މަސައްކަތްކޮށްފައިވާ ކަމަށެވެ.

"މިއީ މިކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާ އޮތް ކަމަކަށް ވާއިރު، އަދި މިކަމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ޚިދުމަތުން މަޙުރޫމްކުރެވި، ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ޤާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާ ބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ފަހުމީ ވިދާޅުވިއެވެ. ފަހުމީގެ އެކްސްގައި ބުރިކޮށްލި ކޭބަލްގެ ފޮޓޯ ވެސް ވަނީ ހިމަނައިފައެވެ.