ޖަލުތަކުގައި މަރުވާ މީހުންގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުގެ ކުރިން ފުރިހަމަ ޕޯސްޓްމޯޓަމެއް ހަދާގޮތަށް ސަރުކާރުން ނިންމައިފި އެވެ.
މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އަލީ އިހުސާން މިހެން ވިދާޅުވީ އިއްޔެ މާފުށީ ޖަލުގައި މަރުވެފައި އޮއްވާ ފެނުނު ށ. ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، ގެ މަރުގެ މައްސަލައާ ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ އާއްމު އުސޫލުގެ ދަށުން ޖަލުގައި މީހަކު އަޅުކަމުގައި މަސްއޫލުވެ އުޅޭ ނަމަ އުނދަގޫ ނުކުރާނެ ކަމަށާއި މީގެ ކުރިން ވެސް ބައެއް ގައިދީން ނަމާދުގައި ސަޖިދައިގައި ވަރަށް ގިނަ ވަގުތު ހޭދަކުރާ ކަމަށެވެ. ނަމަވެސް ޖަމީލްގެ މަރުގެ ހާދިސާއަށްފަހު މިކަން ބަދަލުކުރަން ޖެހިފައިވާކަން ފާހަގަކުރެވިފައިވާތީ އެއް ގަޑިއިރުގެ ތެރޭގައި ޖަލުގެ ކޮންމެ ގައިދީއެއްގެ ހަރަކާތްތައް ކަރެންޝަންސްގެ އޮފިސަރުން މީގެ ފަހުން ބަލާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
"އަޅުކަމުގެ ހަރަކާތެއްގައި އޮތަސް އެމީހާގެ ފުރާނަ ހުރިތޯ ހަރަކާތްކުރޭތޯ ބަލާނަން. ދެވަނަ ކަމަކަށް މިއަދުން ފެށިގެން އަޅުގަނޑުމެން ބަދަލުކުރާނެ އަނެއް ސިޔާސަތަކީ މީގެ ފަހުން ޖަލުގައި އެއްވެސް ހާލަތެއްގައި ނިޔާވާ އެއްްވެސް ގައިދީއަކު އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކުރާނީ ފުރިހަމަ ޕޯސްމޯޓަމެއް ހަދާފައި،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޖަލުގައި މަރުވާ މީހެއްގެ ހަށިގަނޑު މީގެ ފަހުން އާއިލާއާ ހަވާލުކުރާނީ މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރީވެވޭ ގޮތަށް ޕޯސްޓްމޯޓަމް ހެދުމަށްފަހު އެކަމާ ބެހޭ ހުރިހާ ރިޕޯޓްތައް ލިބުމުން ކަމަށެވެ.
ޖަލުގައި އިއްޔެ ނިޔާވި ޖަމީލްގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް އެތަނުގައި އޭރު ތިއްބެވި އެޗްއާރުސީއެމްއާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ބޭފުޅުން ވެސް ޕޯސްޕޯޓަމަކަށް ދާން ނުވަތަ އިތުރަށް ބާއްވަން އިރުޝާދު ދީފައިނުވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ވަގުތަށް ތަހުގީހަށް ބޭނުންވާ މައުލޫމާތުތައް ވެސް ލިބިފައިވާތީ އިންޓަގްރިޓީ ކޮމިޝަނުން ވެސް ލަފާ ދެއްވީ އާއިލާއާ ޖަމީލްގެ ހަށިގަނޑު ހަވާލުކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ނަމަވެސް އާއިލާއާ ޖަމީލްގެ ހަށިގަނޑު ހަވާލުކުރި ފަހުން، ހިނަވާ ގޭގައި ނަގައިފައި ހުރި ފޮޓޯތަކެއްގައި، މީހަކު އަނިޔާކޮށް މަރާލާފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ދައުރުކުރަން ފެށުމުން ދައުލަތުން ޖަމީލްގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ނިންމި ކަމަށް މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
ޖަމީލްގެ ހަށިގަނޑާ އަލުން ހަވާލުވެ އޮޓޮޕްސީއެއް ހެދުމަށް ފުލުހުންނަށް މިނިސްޓަރ އެންގެވި ކަމަށާއި ނަމަވެސް އާއިލާއިން އެކަމާ އިންކާރުކުރުމުން ހުދު އެމަނިކުފާނު ވެސް ސަހަރާއަށް ވަޑައިގެން އާއިލާއާ ވާހަކަދައްކަވާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
"ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ ބައެއްގެ ފަރާތުން އަނިޔާ ލިބިގެން މަރާލާފައިވާ މީހެއްގެ ގޮތަށް ދޭހަވާ ގޮތަށް ވާހަކަދެކެވެން ފެށި ހިސާބަކީ އަޅުގަނޑުމެން އޮޓޮޕްސީ ހަދަން ނިންމި ހިސާބު،" މިނިސްޓަރ އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ އޮޓޮޕްސީއެއް ހަދަން ފުރުސަތު ދިނުމަށް އާއިލާގައި ވަރަށް އާދޭސް ދެންނެވި ކަމަށާއި އާއިލާއިން އެއްގޮތަކަށް ވެސް އެކަން ކުރަން ބޭނުންނުވި ކަމަށެވެ.
"އާއިލާއިން ވަރަށް ސާފުކޮށް އަޅުގަނޑަށް ދެންނެވި އެބޭފުޅުންގެ އެއްވެސް ޝަކުވާއެއް ނެތޭ. އެބޭފުޅުން ގަބޫލްފުޅެއް ނުކުރައްވަމޭ މިއީ ގަސްދުގައި މީހަކު ޖިސްމާނީ ގޮތުން ގެއްލުން ދީފައިވާ ކަމަކަށް. އެބޭފުޅުންނަށް ގަބޫލްކުރެވެއޭ މިއީ ގުދުރަތީ މަރެއް ކަމަށް. އެހެންވެ އެބޭފުޅުން ބޭނުންވަނީ އެގޮތަށް ކުރިއަށްދާން،" މިނިސްޓަރ ވިދާޅުވި އެވެ.
އާއިލާއިން ހަށިގަނޑަށް އިތުރަށް ގެއްލުން ދޭން ބޭނުންނުވާ ކަމަށާއި އާއިލާއިން ބޭނުންވީ އަވަހަށް ހަށިގަނޑު ވަޅުލުމުގެ ކަންތައްތައް ކުރުމަށް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
ފުލުހުން ބަޔަކާ ކުރިމަތިލައި ގަދަކަމުން ހަށިގަނޑާ ހަވާލުވުމުގެ ބަދަލުގައި އައިލާއިން ބޭނުންވާ ގޮތަށް އެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފާދެއްވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މީހެއްގެ ފުރާނަ ގޮސްގެން އުޅޭއިރު ވެސް ސިޔާސީ ވިސްނުމުގައި ބައެއް ފަރާތްތަކުން އަމަލްކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި މީހެއްގެ ފަހު ވަގުތުކޮޅުގެ ފޫޓޭޖްތައް އެގޮތަށް އާއްމުކުރުމަކީ ކުރަން ބޭނުންވި ކަމެއް ނޫޫން ކަމަށާއި އެކަންތައް ކުރަން ޖެހުނީ ވެސް ކަމުގެ ހަސްހާސް ކަމުގެ ތެރޭގައި އެކަމީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ޖަމީލްގެ ހަށިގަނޑުގައި ފެންނަން ހުރި ނިޝާންތަކާ ބެހޭ ގޮތުން ފުލުހުން ބުނީ އެ ފޮޓޯތަކުން ފެންނަން ހުރި ނިޝާންތަކަކީ އެއްވެސް ފަރާތެއްގެ ގޯނާއެއްގެ ސަބަބުން ހުރި ނިޝާންތަކެއް ނޫން ކަމަށާއި އެއީ މަރުވުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެފައިވާ ކަމެއް ކަމަށެވެ. އަދި ސަޖިދައިގައި އެގޮތަށް އޮތުމުން އައިސްފައިވާ ޕްރެޝަރުގެ ސަަބަބުން އައިސްފައިވާ ބަދަލުތަކެއް ކަމަށެވެ.



advertisment