ރުހެންޏާ މީހަކާ މެދުވެސް ރުހެން ވަކި މިންރެއް ވިސްނާތި
ބުދެއް ދިނަކަސް ރުހޭމީހާ، ބުދަށް އަޅުކަން ކަލޭ ނުކުރާތި
ކަނޑަށް އެރުނަސް ނަގަން ފަހަތުން އެރޭނަމައީ އެރޭ އިރުގައި
ފަތަން ނޭނގޭ ކަމަށް ވަންޏާ ކަލޭ ގެނބިދާނެކަން ވިސްނާތި
އުޑަށް އެރުމަށް ޓަކާ ފުމުނަސް، ރުހޭ މީހާގެ ފަހަތުން ވެސް
އުޑަށް ނޭރޭނެކަން ދެނެގެން އުޑަށް އެރުމަށް ކަލޭ ނުފުމޭތި
ގަހަށް އެރިޔަސް އަރަން ފަހަތުން ހިފަން ގޮތްޕެއް ނެތީވިއްޔާ
ގަހަށް އެރުނަސް ގަހުން ފޭބޭނެތޯ ނުބަލައި ކަލޭ ނާރާތި
ތަނެއްގެ ހަލާކު ކުރިމަގުގައި ވެދާނޭ ކަންކަމާ މެދުގައި
ކަމެއްގައި އުޅުނަކަސް އެކަމާ ކަލޭ ބައިވެރި ވެގެން ނޫޅޭތި
ބަޅެއްގެ ނަގޫ ކަނޑައި ސަންފާ އޮނަށް ލައިގެން ދަމައި ނެރުނަސް
ފަހުންވެސް އޮތް ބަޅަށް އެނަގޫ ލެނބޭނެ ކަމަށް ކަލޭ ވިސްނާތި
ކޮނޑަށް އަރުވާ ދިނަސް ރަން ރިހި، ޖަވާހިރުގެ ކީސާތައް
ކޮޅަށް ހުރެ ހިންދަމާ ނުލެވޭ ކަމަށް ވަންޏާ ކޮނޑުން ނުހިފާތި
ވިދާހައި ކޮންމެ އެއްޗެއް އަދި "ރަނޭ ހީކޮށް" ކަލޭ ނޫޅޭތި،
އިތާގެ ބަނޑުން ވިހޭހައި އެއްޗަކީ "މުތަކަށް" ކަލޭ ނުބަލާތި
ކަމެއް އޮޅުވާ ލުމަށް އެއްދޮގު ހަދައިގެން ފޫ ނުބެއްދޭނޭ
ކަމުގެ ފޫބެއްދުމަށް ހަތް ދޮގު ހަދާނެ ކަމަށް ކަލޭ ވިސްނާތި
އަބުރުވެރި މީހަކަށް ހެދިގެން އުޅޭއިރު، ފަހަތުގައި އުޅުނަސް،
ކަނބުރު ގެއަކަށް ވަދެފިނަމަ އަޅި ބުރާނެކަމަށް ކަލޭ ވިސްނާތި
އަތަށް ލައިގެން ގޮހޮރު ކާންދީ ހަދައިގެން އޮޅުކުރާ "ކަޅުވެން"
އަތާއެކު ގޮހޮރު ގަނޑުވެސް ކައި ނުލާނެ ކަމަށް ކަލޭ ނުބަލާތި
މިއީ އެތަކެއް ފިލާވަޅަކުން ލިބުނު ގިނަ ތަޖުރިބާގެ އަލިން،
މިއީ "ޝާކިރުބެ ދޭ އަގުހުރި ނަޞޭޙަތެކޭ" ޤަބޫލުކުރާތި
